އިޓަލީވިލާތުން މިއަދު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދާއި މަރުވި މީހުންގެ އަދަދު ވެސް އިތުރުވެއްޖެއެވެ.

މިއަދު އިޓަލީވިލާތުން ވަނީ ކޮވިޑް-19 ޖެހިގެން 610 މީހަކު މަރުވެފައެވެ. މިއަދަކީ ފާއިތުވި ތިން ދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އިއްޔެ މަރުވި މީހުންނަށްވުރެ އިތުރަށް މިއަދު 68 މީހަކު މަރުވެފައި ވެއެވެ. އިޓަލީވިލާތުން މަރުވި މީހުންގެ ޖުމްލަ މިއަދު ވަނީ 18279 އަށް އަރާފައެވެ.

މިއަދު އިޓަލީވިލާތުން 4204 މީހަކު ފައްސި (ޕޮޒިޓިވް) ވިއެވެ. މިއަދަކީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި އިޓަލީވިލާތުން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. މިހާރު އެގައުމުން ފައްސިވި މީހުންގެ ޖުމްލަ އަދަދ 143623 އަށް އަރައެވެ.

މިހާތަނަށް އިޓަލީވިލާތުން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 28470 މީހުންނެވެ.

މިހާރު އެގައުމުގައި އައިސީޔޫގައި ފަރުވާ ދެމުން ގެންދަނީ 3605 މީހަކަށެވެ. އައިސީޔޫގައި ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް މަދުވަމުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިޓަލީވިލާތް އޮތީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ފުރަބަންދުގެ މުއްދަތު މިމަހުގެ 13 ވަނަ ދުވަހު ހަމަވާނެއެވެ.

ފުރަބަންދު ކޮށްފައި އޮތްނަމަވެސް ކްރިސްޓިން ދީނުގެ "އީސްޓާ" އާއި ދިމާކޮށް ގިނަ ބަޔަކު ޗާޗްތަކަށް އެއްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އީސްޓާ އަކީ އޭޕްރީލް 12 ވަނަ ދުވަހު ކްރިސްޓިއަނުން ފާހަގަ ކުރާ ދީނީ އިހްތިފާލެކެވެ.

އިޓަލީވިލާތުގެ ސަރުކާރުން މިހާރު ގެންދަނީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދާއި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް އީސްޓާ ފާހަގަ ކުރަން އެއްވެސް ހަރަކާތެއް ނުބޭއްވުމަށް އިލްތިމާސް ކުރަމުންނެވެ.