އިސްރާއީލްގެ އަނިޔާވެރިކަމުގެ ދަށުން، ބަންދުކޮށްފައި އޮންނަ ފަލަސްތީންގެ ޣައްޒާގައި ކޮވިޑް-19 އަށް ޓެސްޓް ކުރަން ބޭނުންވާ ކިޓްތައް ހުސްވެ، ކޮވިޑް-19 އަށް މީހުން ޓެސްޓް ކުރެވެން ހުރި ހުރިހާ މަގެއް ބަންދުވެއްޖެއެވެ.

ކޮވިޑް-19 އަށް މީހުން ޓެސްޓް ކުރަން ބޭނުން ކުރާ ކިޓްތައް ޣައްޒާ އިން ހުސްވުމުން ޣައްޒާގައި ބަލި ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ.

"ޓެސްޓް ކިޓްތައް ހުސްވުމުން ޣައްޒާގެ ލެބޯޓްރީން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ޚިދުމަތް ވަނީ މެދުކެނޑިފައި. ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތް." ޣައްޒާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ އަޝްރަފް އަލް-ޣަދްރާ ވިދާޅުވިއެވެ.

2008 ވަނަ އަހަރުން ފެބްރުއަރީ މަހުން ފެށިގެން އިސްރާއީލުން އޮންނަނީ ޣައްޒާ ހިސޯރުކޮށްފައެވެ. އިސްރާއީލްގެ ހުއްދަ އޮވެގެން ނޫން ގޮތަކަށް މިހާރު ޣައްޒާއަށް އެއްވެސް އެއްޗެއް ވެއްދުމަކީ މަނާ ކަމެކެވެ. އެހެންވެ ޣައްޒާއަށް ކާބޯތަކެއްޗާއި، ބޭސް ފަދަ އެންމެ އަސާސީތަކެތި ވެސް ބޭނުންވާ ވަރަކަށް ނުލިބެއެވެ.

ޣައްޒާ އިން މިހާތަނަށް 13 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އެއެންމެން ވެސް ތިބީ ކަރަންޓީން ކޮށްފައެވެ. ނަމަވެސް އިތުރު މީހުންގެ ގަޔަށް ބަލި ފެތުރިގެން ނުދާކަމުގެ ޔަގީންކަމެއް ނެތެވެ.

ޣައްޒާގެ އޮފިޝަލުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޣައްޒާ އިން އެކަށީގެންވާ ސިއްހީ ޚިދުމަތެއް ދެވެން ނެތުމެވެ. އޮފިޝަލުން ވަނީ ޣައްޒާއަށް 100 ވެންޓިލޭޓަރާއި 140 އެނދުގެ އައިސީޔޫއެއް ތައްޔާރު ކުރަން ބޭނުންވާ ވަސީލަތްތައް ހޯދުމަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ އެހީއަށް އެދިފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ޣައްޒާގެ ސްކޫލްތަކާއި މިސްކިތްތައް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ޣައްޒާގެ ދެމިލިއަން މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވަރަށް ބޮޑަށް މައްސުނިވެ، ކުދިކުދި ތަންތަނުގައި ދިރިއުޅޭ މީހުންނެވެ. އެހެންކަމުން ޣައްޒާގައި ކުއްލިއަކަށް ބަލި ފެތުރިގެން ދިއުމުގެ ބިރު ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުރުސްޗޮފް

    ބުނޭ ނަތަންޔާހޫ ގާތު. ދޭނެ. ގައިމު

    1
    12