އިންޑިއާގެ ބިހާރް ސްޓޭޓުން ފެނިފައިވާ ކޮވިޑް-19ގެ 60 ކޭސްގެ ތެރެއިން 23 މީހަކު ނިސްބަތްވަނީ އެއް އާއިލާއަކަށް ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އެންޑީޓީވީން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ސްޓޭޓްގެ ސިވާން ޑިސްޓްރިކްޓްއަށް ނިސްބަތްވާ މީހަކު މިދިޔަ މަހު އޮމާންއަށް ކުރި ދަތުރަށްފަހު އެ ޑިސްޓްރިކްޓްުގެ ގިނަ ބަޔަކަށް ވަނީ މި ބަލި ޖެހިފައެވެ. އެއާއިލާއަށް ބަލި ފެތުރެން ފެށީ އެ މީހާގެ ސަބަބުންނެވެ.

އެ ފިރިހެން މީހާ އޮމާން އިން ވިލޭޖަށް އެނބުރި އައިސްފައި ވަނީ މާރިޗް 16 ވަނަ ދުވަހުއެވެ. އޭނާގެ ހެދި ޓެސްޓުތަކުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ކަން އެނގިފައި ވަނީ އޭޕްރިލް 4 ވަނަ ދުވަހުއެވެ. އެއިރު އޭނާ ވަނީ އެ ޑިސްޓްރިކްޓުގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށްފައެވެ.

އެއާއެކު އެ މީހާގެ އާއިލާގައި ހިމެނޭ 23 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އެ މީހުން މި ބައްޔަށް ފައްސިވިއިރު، ގައިން ބަލީގެ އަލާމާތްތަކެއް ފެންނަން ނެތް ކަމަން ވެއެވެ.

އެ ޑިސްޓްރިޓުގެ 31 މީހެއްގެ ގައިން ކޮވިޑް-19 މިހާތަނަށް ވަނީ ފެނިފައެވެ.

އޮފިޝަލުންނާއި، ހަވާލާދީ އެންޑީޓީވީން ރިޕޯޓްކޮށްފައިވާގޮތުގައި، ކޮވިޑް-19 ޖެހުނު އެ އާއިލާގެ 23 މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ރަނގަޅުވެފައެވެ. އެހެން ނަމަވެސް އެ މީހުންވެސް ތިން މީހުން ހަފްތާ ވަންދެން ކަރަންޓީންގައި ބޭތިއްބުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އެ އާއިލާގެ 10 މީހެއްގެ ޓެސްޓުގެ ނަތީޖާ އަދި ލިބިފައި ނުވާ ކަމަށް ވެއެވެ.

މިހާރު އެ ސްޓޭޓްގައި ވަނީ ބައްޔާއި ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

ބިހާރްއިން ކޮވިޑް-19ގެ 60 ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު