ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު ފާއިތުވި 24 ދުވަސް ތެރޭގައި ދަށަށް ނުދާ މިންވަރަށް މިއަދު ދަށަށް ހިނގައްޖެއެވެ. މިއަދު އިޓަލީވިލާތުން މަރުވީ 431 މީހުންނެވެ. މިއަދަކީ މާޗް މަހުގެ 19 ވަނަ ދުވަހަށް ފަހު އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

މިއަދު އިޓަލީވިލާތުން ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދު ވެސް ވަނީ އިއްޔެއަށް ވުރެ މަދުވެފައެވެ. މިއަދު ފައްސިވީ 4092 މީހުންނެވެ. އިއްޔެ އެގައުމުން 4694 މީހުން ފައްސިވިއެވެ.

އިޓަލީވިލާތުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 156,363 އަށް އަރާފައެވެ. އޭގެތެރެއިން 19,899 މީހަކު ވަނީ މަރުވެފައެވެ. އަދި 34,211 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން މިހާރު އިޓަލީވިލާތުގައި ބަލި ޖެހިފައި ތިބީ 102,253 މީހުންނެވެ.

އިޓަލީވިލާތުގެ ސިވިލް ޕްރޮޓެކްޝަން އޮތޯރިޓީން މިއަދު ވިދާޅުވީ އެގައުމުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ވެސް މިހާރު މަދުވަމުން އަންނަ ކަމަށެވެ. އެހެންކަމުން ހޮސްޕިޓަލްތަކަށް ލުއިވެ، ސިއްހީ ޚިދުމަތްތެރިންނަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބެމުން އަންނަ ކަމަށް އެއޮތޯރިޓީގެ ޗީފް އެންގެލޯ ބޮރެލީ މިއަދު ވިދާޅުވިއެވެ.

ނަމަވެސް ބޮރެލީ ވިދާޅުވީ އަދި ކުރިއަށް އޮތް 20 ނުވަތަ 25 ދުވަހު ބަލި ޖެހޭ މީހުންގެ ޖުމްލަ އަދަދު އިތުރުވަމުން ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މާޗް މަހުގެ 12 ވަނަ ދުވަހު އިޓަލީވިލާތް ފުރަބަންދު (ލޮކްޑައުން) ކުރުމަށް ފަހު އެގައުމުގެ ސަރުކާރުން ވިދާޅުވެފައި އޮތީ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާއަށް ފަހު އިޓަލީވިލާތުން މަރުވާ މީހުންގެ އަދަދާއި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު