ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ބްރެޒިލް އިން އިތުރު 161 މީހަކު މަރުވެއްޖެއެވެ.

މިއީ މިހާތަނަށް މި ވައިރަސް ޖެހިގެން އެޤައުމުން އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

ކޮވިޑް-19 ގެ ޝިކާރައަކަށްވެ ބްރެޒިލް އިން އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވާއިރު، މިހާރު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1489 އަށް އަރާފައެވެ.

ދުވަހެއް ދުވަހަކަށް ބްރެޒިލް އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވާ މީހުންގެ އަދަދު އިތުރުވެ، އެޤައުމުވެސް މި ވައިރަސްގެ ނުރައްކަލަށް ހުށަހެޅިފައި ވާއިރު، މިހާތަނަށް އެޤައުމުން ވައިރަސް އަށް ޖުމްލަ 24920 މީހަކު ވަނީ ފައްސިވެފައެވެ. އޭގެތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭ ފައްސިވި 1490 މީހަކު ހިމެނެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ބްރެޒިލް އިން ކޮވިޑް-19 ޖެހިގެން ރަނގަޅުވެފައި ވަނީ 3046 މީހެކެވެ. މިއީ އެޤައުމުގައި ވައިރަސް ފެތުރެމުންދާ ހަލުވިމިނާއި އަޅާބަލާއިރު، ނިސްބަތުން މަދު އަދަދެކެވެ. އެޤައުމުގައި މި ބަލީގައި 300 އެއްހައި މީހުންނަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ކަމަށް އިދާރާތަކުން ބުނެއެވެ.

ބްރެޒިލް އިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ބްރެޒިލް ގައި މި ވައިރަސް އާއި ގުޅިގެން މާ ގިނަ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ވައިރަސް އާއި ގުޅޭގޮތުން ބްރެޒިލްގެ ރައީސް، ޖައިރު ބޮލްސެނާރޯ މީގެ ކުރިން ބުނެފައި ވަނީ "މިއީ އާދައިގެ ރޯގާއެއް" ކަމަށެވެ. އަދި "ނަޖިސް ފެން ބޭރުވާ ޖަންގްޝަންތައް ތެރޭ ފަތާފައި އުޅުނަސް ބްރެޒިލްގެ ރައްޔިތުންނަށް ކޮވިޑް-19 ގެ ނުރައްކަލެއް ކުރިމަތިނުވާނެ" ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޤައުމުތަކުން މި ވައިރަސް އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކަށް ވެސް ބޮލްސާރޯ މީގެ ކުރިން ފާޑުކިޔާފައި ވެއެވެ. އެގޮތުން ޤައުމުތަކުން ކޮވޮޑް-19 އާއި ގުޅިގެން ފިޔަވަޅު އަޅަމުން ދަނީ ރައްޔިތުން ކަންބޮޑުކޮށް ސިޔާސީ ފައިދާ ހާސިލްކުރުމަށް ކަމަށް އޭނާ ތުހުމަތުކޮށްފައި ވެއެވެ.

ބޮލްސެނާރޯގެ މި ވާހަތަކާއި ގުޅިގެން ބްރެޒިލްގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ޤައުމުތަކުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޮވިޑް-19 ނުރައްކާ އިންތިހާއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ވެސް ބޮލްސެނާރޯގެ ވާހަކަތައް އެޤައުމުގެ ރައްޔިތުންނަށް ވެފައިވަނީ ބޮޑު ހާސް ކަމަކަށެވެ.

ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާ ފަދަ މި ވައިރަސްގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ މުޅި ދުނިޔެއަށް ސިއްޙީ ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފައެވެ.

މިހާތަނަށް ދުނިޔޭގެ 210 ޤައުމަކުން، ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވާއިރު، ވައިރަސް އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެމިލިއަނާއި ގާތްކުރާ އަދަދަކަށް މީހުން ފައްސިވެފައި ވެއެވެ. އޭގެތެރެއިން 125859 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.