ކޮވިޑް-19 ޖެހިގެން އެމެރިކާ އިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އެކަނިވެސް އެމެރިކާ އިން 2407 މީހުން މަރުވިއެވެ. އެހެންކަމުން އިއްޔެ އަކީ މިހާތަނަށް އެއްދުވަސް ތެރޭގައި އެމެރިކާ އިން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

މީގެ ކުރިން އެމެރިކާ އިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވީ އޭޕްރީލް 10 ވަނަ ދުވަހުއެވެ. އެދުވަހު މަރުވީ 2035 މީހުންނެވެ. އިއްޔެ އެމެރިކާ އިން މަރުވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ އޭގެ ކުރިން ތިން ދުވަހު މަރުވާ މީހުންގެ އަދަދަށު ދަށަށް ދިއުމަށް ފަހު އެވެ. އޭޕްރީލް 11 ވަނަ ދުވަހު އެމެރިކާ އިން މަރުވީ 1830 މީހުންނެވެ. އޭޕްރީލް 12 ވަނަ ދުވަހު 1528 މީހުން އަދި އޭޕްރީލް 13 ވަނަ ދުވަހު 1538 މީހުން މަރުވިއެވެ.

އެމެރިކާ އިން އިއްޔެ ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވެސް ވަނީ އޭގެ ކުރީ ދުވަހަށްވުރެ އިތުރުވެފައެވެ. އިއްޔެ އެމެރިކާ އިން 26945 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. ހޯމަ ދުވަހު ފައްސިވީ 26641 މީހުންނެވެ.

އެމެރިކާ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 613,886 އަށް އަރާފައެވެ. އޭގެތެރެއިން 26,047 މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް އެމެރިކާ އިން ބަލިން ރަނގަޅުވީ 38,820 މީހުންނެވެ.

އަދިވެސް އެންމެ ހާލަތު ގޯސް ސިޓީއަކީ ނިއުޔޯކެވެ. ނިއުޔޯކުން އެކަނިވެސް ވަނީ 203,123 މީހުންނަށް ބަލި ޖެހި 10,834 މީހުން މަރުވެފައެވެ. ދެންމެ އެންމެ ބާރަށް ބަލި ފެތުރެމުންދާ ނިއުޖާޒީން 68,824 މީހަކަށް ބަލި ޖެހި 2,805 މީހުން ވަނީ މަރުވެފައެވެ.

އެމެރިކާ އިން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި މިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާފައިވާ ވަރުގަދަ ބައެއް ފިޔަވަޅުތަކަށް ދޫދީ އިޤުތިޞާދީ ބައެއް މަސައްކަތްތައް ފަށަން އެމެރިކާ ތައްޔާރުވަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު