ކޮވިޑް-19 އަށް 70 ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް އެބަދާކަމަށާއި އޭގެ ތެރޭގައި އިންސާނުން ބޭނުން ކޮށްގެން މިހާރު ޓެސްޓްތައް ކުރަން ފަށާފައިވާ ތިން ވެކްސިނެއް ވެސް ހިމެނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ އިންސާނުން ބޭނުން ކޮށްގެން މިހާރު ޓެސްޓް ކުރަން ފަށާފައިވާ ތިން ވެކްސިނެއްގެ ތެރެއިން އެއް ވެކްސިނަކީ ބެއިޖިން އިންސްޓިއުޓް އޮފް ބައޯޓެކްނޮލޮޖީ އާއި ހޮންކޮންގްގެ ކެންސިނޯ ބައޯ އިން ޓެސްޓް ކުރަމުން ގެންދާ ވެކްސިން ކަމަށެވެ. ދެން ހިމެނެނީ އެމެރިކާގެ ދެކުންފުންޏަކުން ޓެސްޓް ކުރަމުން ގެންދާ ދެ ވެކްސިން ކަމަށެވެ.

ޗައިނާ އިން އިތުރު ދެވެކްސިނެއް ޓެސްޓް ކުރަން ފަށާފައިވާކަމަށް އިއްޔެ ވަނީ ބުނެފައެވެ. ނަމަވެސް އެކަން އަދި ޑަބްލިއުއެޗްއޯ އިން އިއުލާނެއް ނުކުރެއެވެ.

ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުގެ ތެރޭގައި ޖަޕާންގެ އޮސާކާ ޔުނިވަސިޓީ އާއި އޮސްޓްރޭލިއާގެ ކްއީންސްލޭންޑް ޔުނިވަސިޓީއާއި އިނގިރޭސިވިލާތުގެ އޮކްސްފޯންޑް ޔުނިވަސިޓީ ވެސް ހިމެނެއެވެ.

އާއްމުކޮށް މިފަދަ ވެކްސިނެއް އުފައްދަން 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތެއް ނަގާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ސައިންސްވެރިން މަސައްކަތް ކުރަމުން ގެންދަނީ ކޮވިޑް-19 އަށް އަހަރު ދުވަސް ނުވަތަ އެއަށްވުރެ ވެސް ކުރިން ވެކްސިނެއް އުފެއްދުމަށެވެ.

އޮކްސްފޯޑް ޔުނިވަސިޓީން ބުނީ އެޔުނިވަސިޓީގެ އަމާޒަކީ އަންނަ ސެޕްޓެމްބަރ މަހާއި ހަމައަށް ވެކްސިނެއް އުފެއްދުން ކަމަށެވެ. އޮކްސްފޯޑް ޔުނިވަސިޓީ އިން ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގައި އިސްވެ އުޅުއްވާ ޕްރޮފެސަރ ސާރާ ގިލްބާޓް ވިދާޅުވީ އެޔުނިވަސިޓީ އިން އުފައްދާ ވެކްސިން ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރާނެ ފުރިހަމަ ވެކްސިނަކަށް ވެގެންދާނެ ކަމުގެ 80 އިންސައްތަ ކަށަވަރުކަން މިހާރުވެސް ލިބިފައި އެބައޮތް ކަމަށެވެ. އެއީ މީގެ ކުރިން އުފައްދާފައިވާ މިބާވަތުގެ ވެކްސިންތަކުން ލިބުނު ނަތީޖާއަށް ބަލާފައި ދަންނަވާ ވާހަކައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަތީޖާއެއް ފެންނަވަރުގެ ވެކްސިނެއް އުފެއްދުނު ނަމަވެސް އެވެކްސިނެއް ދުނިޔޭގެ ބޮޑު އާބާދީއަށް ބޭނުންވާ ވަރަށް އުފެއްދުން އެއީ ގޮންޖެހުން ބޮޑު މަސައްކަތަކަށް ވެގެންދާނެއެވެ. އެހެންކަމުން ވެކްސިނެއް އާއްމުނާއި ހަމައަށް ފޯރަން އަދި 18 ވަރަކަށް މަސްދުވަސް ހޭދަވުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު