ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން އިތުރު 578 މީހަކު މަރުވެއްޖެއެވެ.

ދެންމެ އިޓަލީވިލާތުގެ ސަރުކާރުން އާއްމު ކުރި ތަފާސް ހިސާބަށް ބަލާއިރު އިއްޔެ އިޓަލީވިލާތުން މަރުވި މީހުންނަށްވުރެ މިއަދު މަރުވި މީހުންގެ އަދަދު މަދެވެ. އިއްޔެ އެގައުމުން 602 މީހަކު މަރުވިއެވެ. އިޓަލީވިލާތުން މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 21645 އަށް އަރާފައެވެ.

މިއަދު އިޓަލީވިލާތުން ފައްސި (ޕޮޒިޓިވް) ވެފައި ވަނީ 2667 މީހުންނެވެ. މިއަދަކީ މާޗް 13 ވަނަ ދުވަހަށް ފަހު އިޓަލީވިލާތުން އެންމެ މަދުން މީހުން ފައްސިވި ދުވަހެވެ.

އިޓަލީވިލާތުން ފައްސިވި މީހުންގެ ޖުމްލަ މިހާރު ވަނީ 165155 އަށް އަރާފައެވެ. މިހާތަނަށް އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 38092 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާރު ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން 3079 މީހުންގެ ހާލު ސީރިއަސްއެވެ. ހާލު ސީރިއަސް މީހުންގެ އަދަދު އަންނަނީ ދުވަހަކަށް ވުރެ ދުވަހަކު ދަށް ވަމުންނެވެ.

އިޓަލީވިލާތުން މަރުވާ މީހުންގެ އަދަދު މަތި ނަމަވެސް އެގައުމުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިޓަލީވިލާތުން ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެން ދާނެއެވެ.

އިޓަލީވިލާތުގެ ހާލަތު ރަނގަޅު ވަމުން އަންނާތީ މިހާރު އެގައުމުގެ ސަރުކާރުން ގެންދަނީ ބައެއް ވިޔަފާރިތައް ހުޅުވާލުމުގެ ހުއްދަ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު