ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އިން ސަލާމަވްވުމަށް، ޕްރައިވެޓް ޖެޓުތަކުގައި ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ދަތުރު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިކަން ހާމަކޮށް އިނގިރޭސިވިލާތުގެ ނޫހެއްގައި ބުނެފައިވަނީ، ހުސްވި މާރިޗު މަހުގެ 23 ވަނަ ދުވަހުން ފެށިގެންވެސް އެޤައުމަށް މިހާތަނަށް، ކޮވިޑް-19 ގެ ނުރައްކާ ބޮޑު ޤައުމުތަކުން 545 ޖެޓު ދަތުރުކޮށްފައިވާ ކަމަށެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ ބަޔަކު ޖެޓުތަކުގައި ދަތުރު ކުރަމުން މިދަނީ ވައިރަސް އާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އެއާލާއިންތަކުން ދަތުރު މެދުކަނޑާލާފައި ވަނިކޮށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޖެޓުތަކުގައި އެންމެ ގިނަ ބަޔަކު ދަތުރުކުރާ އެއް ޤައުމަކީ އިނގިރޭސިވިލާތެވެ. އެޤައުމަށް މިގޮތުން މީހުން އެތެރެވަމުން ދަނީ، ކޮވިޑް-19 އާއި ގުޅިގެން ފިޔަވަޅުތައް އަޅާފައި ވީނަމަވެސް، އެހެން ޤައުމުތަކުން މީހުން އެޤައުމަށް އެތެރެވުމުގެ ފުރުސަތު ހުޅުވާލާފައި ވާތީއެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު މިހާރު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް ދުނިޔޭގެ 130 ޤައުމެއް ވަނީ، އެހެން ޤައުމުތަކުން އެޤައުމުތަކަށް މީހުންނަށް އެތެރެ ނުވެވޭގޮތަށް ބަންދުކޮށްފައެވެ. ނަމަވެސް ވައިރަސްގެ ނުރައްކާ ފާއިތުވެދިޔަ ދުވަސްތަކުގައި ބޮޑުވެފައިވާ އިނގިރޭސިވިލާތުގައި މި ފިޔަވަޅު އަޅާފައި ނުވަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު ކުރަމުން ދެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން ކުރިޔާއި އަޅާބަލާއިރު މަދުވެފައި ވީނަމަވެސް، އަދިވެސް ދުވާލަކު 15000 އެއްހައި މީހުން އެޤައުމަށް ދަތުރުކުރެއެވެ. އޭގެތެރޭގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެ މަރުވެފައިވާ އެމެރިކާ އާއި، އެންމެ ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވެފައިވާ ސްޕެއިން، އަދި ނުރައްކާ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ފްރާންސް އާއި ޗައިނާ މީހުން ވެސް ހިމެނެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އިނގިރޭސިވިލާތަށް ޖެޓުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރަމުންދާ ކަމުގެ ޝަކުވާ އިތުރުވެފައި ވާއިރު، އެޤައުމަކީ ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް އެޤައުމުން 120067 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އޭގެތެރެއިން 16060 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހިން

    ދުނިޔޭ ގެ ކޮންމެ ތާކަށް ލާރިތަން ހިފައިގެން ފިލަން ދުވިޔަސް މިކަމަކީ މާތްﷲ ގެ ކޯފާކަމައް ވަނީނަމަ އެކަމާ ފިލޭނެ ހަމައެއްގޮތެން ވެސް ނޯންނާނެ އެވެ . ޢެމީހަކުގެ މަރު މިވަނީ މިބަލިން ކަމަށް އެކަލާން ގެ އިރާދަފުޅުން ނިޔާ ކަނޑަ އަޅުއް ވާފައި ވަނީނަމަ ފިލަން ދުވާނެ ތަނެ މިދުނިޔެކުން ނުލިބޭނެ ! ޙަމަކަށަވަރުން މާތްﷲ އީ އެކުޑަ ކުޑަ ވައިރަސް އުފައްދަވާ އެއަށް ދިރުން ދެއްވެވި ކުޅަދުންވަންތަ އިތްޒަތް ވަންތަރަސްކަލާންގެ އެވެ. ޥީމާ މިކަމުންރަކާތެރިކަން ބޭނުން ނަމަ މާތްﷲ އެކަލާންގެ ކިބަފުޅަށް ގިނަގިނައިން ތައުބާވަމާ ހިނގާ ! ހަމަކަށަ ވަރުން އެކަލާންގެއީ އަޅުތަކުން ނަށް އެންމެ އޯގާވަންތަ ރަސްކަލާންގެ އެވެ! މާތްﷲ އަހަރެމެން އެންމެން ނަށް ހެޔޮރަހުމަތް ލަ.އްވާ ރައްކާތެރިކުރަވާ މިބަލިމަޑު ކަމައް ޟިފާދެއް ވާންދޭ ! ޢާމީން! އާމީން ! ޢާމީން !

    22
  2. ދިވެހިން

    ކޮބާތޯ ކޮމެންޓް ! ނުޖަހަނީ ތޯ ؟

    1
    1