ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2.6 މިލިއަނަށް އަރައިފިއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް 2,604,359 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން 181,380 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އަދި ބަލިން ރަނގަޅުވީ 712,254 މީހުންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 އާއި ދެކޮޅަށް ގައުމުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވީނަމަވެސް އަދިވެސް ބަލި ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. ބައެއް ގައުމުތަކުގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅު ވަމުން ދިޔަ ނަމަވެސް އަނެއްބައި ގައުމުތަކުގެ ހާލަތު ދަނީ އިތުރަށް ގޯސް ވަމުންނެވެ. ފާއިތުވި ތިން ދުވަހު ވެސް ކޮންމެ ދުވަހަކު ހަތްދިހަ ހާހަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވެއެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 57000 އަށް ވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އަދިވެސް އެންމެ ހާލަތު ގޯސް ގައުމަކީ އެމެރިކާ އެވެ. ހުޅަނގުގެ ގައުމުތަކަށް ބަލާއިރު ވަރުގަދަ ފިޔަވަޅުތަކާއި އެކުވެސް ބަލި ކޮންޓްރޯލް ކުރުން އެންމެ ބޮޑަށް ދަތިވެފައިވާ އެއް ގައުމަކީ އިނގިރޭސިވިލާތެވެ. ރަޝިއާގައި ބަލި ޖެހޭ މީހުންގެ އަދަދު ވެސް ދުވަހުން ދުވަހަށް އަންނަނީ އިތުރު ވަމުންނެވެ. އެހެން ގައުމުތަކަށް ބަލާއިރު ކުރިން ބަލިން ކޮންޓްރޯލް ކުރި ސިންގަޕޫރުގައި ބަލި ޖެހޭ މީހުންގެ އަދަދު މިހަފްތާގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކޮވިޑް-19 އިން ސަލާމަތްވެ ދުނިޔެ އާއްމު ހާލަތަކަށް ރުޖޫއަ ވެވެން އޮތީ ވެކްސިނެއް އުފައްދައިގެން ކަމަށް ގިނަ ތަޖުރިބާކާރުން އެއްބަސްވެއެވެ. ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރެވެމުން އައި ނަމަވެސް އަދި ވެކްސިނެއް އުފެއްދޭނެ ދުވަހެއް ބުނާކަށް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު