ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 2341 މީހަކު އިއްޔެ މަރުވެއްޖެއެވެ.

އެމެރިކާ އިން އިއްޔެ މަރުވި މީހުންގެ އަދަދު އަންގާރަ ދުވަހު މަރުވި މީހުންނަށް ވުރެ މަދެވެ. އަންގާރަ ދުވަހު އެމެރިކާ އިން 2804 މީހުން މަރުވިއެވެ. އަންގާރަ ދުވަހަކީ މިހާތަނަށް އެމެރިކާ އިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

އިއްޔެ އެމެރިކާ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ. އިއްޔެ އެމެރިކާ އިން 29973 މީހުން ފައްސިވިއެވެ. އިއްޔެ އަކީ ފާއިތުވި ފަސް ދުވަސް ތެރޭގައި އެމެރިކާ އިން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 848,994 އަށް އަރާފައެވެ. އޭގެތެރެއިން 47,676 މީހުން ވަނީ މަރުވެފައެވެ. އެމެރިކާ އިން ބަލި ޖެހުނު މިހުންގެ ތެރެއިން އަދި މިހާތަނަށް ބަލިން ރަނގަޅުވީ އެންމެ 84,050 މީހުންނެވެ.

މިހާރު ދިރާސާތަކުން ދައްކާ ގޮތުގައި ކުރިން ލަފާކުރެވިފައި އޮތް ތާރީޚްގެ ކުރިން އެމެރިކާގައި ވަނީ ކޮވިޑް-19 ފެތުރެން ފަށާފައެވެ. އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ މައުލޫމާތުތައް ދައްކާ ގޮތުގައި ކޮވިޑް-19 ޖެހިގެން އެމެރިކާ އިން ފުރަތަމަ މީހަކު މަރުވެފައި ވަނީ ފުރަތަމަ މީހަކު މަރުވި ކަމަށް އެމެރިކާގެ ރަސްމީ ފަރާތްތަކުން ބުނާ ތާރީޚަށްވުރެ ތިން ހަފްތާ ކުރިންނެވެ.

ފާއިތުވި ދެދުވަސް ތެރޭގައި އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރު ވެފައި ވާއިރު "ދެވަނަ ރާޅެއްގެ" ނުރައްކާ މާބޮޑުވެފައި ކުރިމަތިވާނެ ގޮންޖެހުންތައް އުނދަގޫ ވާނެ ކަމުގެ އިންޒާރު އެމެރިކާގެ ތަޖުރިބާކާރުން ވެސް ގެންދަވަނީ ދެއްވަމުންނެވެ.

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބާރުއެޅުމާއި އެކު މިހާރު އެމެރިކާގެ ބައެއް ސްޓޭޓްތައް ދަނީ ކޮންމެވެސް ވަރަކަށް ހުޅުވައި ލަމުންނެވެ. ހުޅުވައި ލަމުން އަންނަ ސްޓޭޓްތަކުގެ ތެރޭގައި ފްލޮރިޑާ، ޖޯޖިއާ، ދެކުނު ކެރޮލައިނާ، ޓެކްސަސް އަދި ބައެއް އެހެން ސްޓޭޓްތައް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަޖުބޫރީހާލަތް

    ހާދަޖާހިލު ޓު ރަންޕެއްތީ