ކޮވިޑް-19 ގެ ސަބަބުން ވިއެޓްނާމުގައި އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރުމަށް އެގައުމުން ނިންމައިފިއެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ވިއެޓްނާމް އިން ވަނީ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ޗައިނާ އަށް ދަތުރުކުރާ ހުރިހާ ފްލައިޓް ދަތުރުތަކެއް ވެސް ހުއްޓާލާފައެވެ. އަދި ހަނޯއީ ފިޔަވައި އެހެން ސިޓީތަކުގެ ހުރިހާ ސްކޫލަކާއި ޔުނިވަސިޓީއެއްވެސް ވަނީ ބަންދު ކޮށްފައެވެ.

އެގައުމުގެ ސަރުކާރުން ވަނީ ކޮންމެހެން މަޖުބޫރުވެގެން ނޫނީ ބޭރަށް ނުދިއުމަށްވެސް އަންގާފައެވެ. އެގައުމުގެ ހެލްތުން ބުނެފައިވަނީ، ސަރުކާރުގެ އެ އެންގުމަށް ގިނަ ބަޔަކު ބޯލަނބާފައިވާ ކަމަށެވެ.

އެހެން ކަމުން މިހާރު އެގައުމުން ވަނީ ބައެއް ފިހާރަތައް ހުޅުވައި ވިޔަފާރި ކުރެވޭނެކަން އިއުލާނު ކޮށްފައެވެ. އަދި ބައެއް ކެފޭތަކާއި ސްކޫލްތައްވެސް ހުޅުވުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށް އެގައުމުން ވަނީ ހާމަ ކޮށްފައެވެ.

އެގައުމުން މީގެ ކުރިން ވަނީ ކޮވިޑް-19 ފެތުރެމުން ދާތީ 10،000 މީހުން ކަރަންޓީންވެސް ކޮށްފައިވެއެވެ. މިހުރިހާ އެންމެން ވެސް ކަރަންޓީން ކޮށްފައި ވަނީ ހަނޯއީ އާއި 44 ކިލޯމީޓަރު ދުރުގައި އޮންނަ ސަން ލޯއީ ނަމަކަށް ކިޔާ އަވަށުގައެވެ.

ވިއެޓްނާމުން މިއަދާއި ހަމައަށް ކޮވިޑް-19 ޖެހިގެން 268 މީހަކު ފެނިފައިވާއިރު، އެންމެ ފުރަތަމަ އެގައުމުން މި ބަލި ފެނިފައިވަނީ ޖެނެއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އެގައުމުން މިއަދާއި ހަމައަށް އެއްވެސް މީހަކު ބަލި ޖެހިގެން މަރުވެފައެއް ނުވެއެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 224 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު