އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން އިތުރު 638 މީހަކު މަރުވެއްޖެއެވެ.

އެގައުމުން އިތުރު 638 މީހަކު މަރުވެ މިހާތަނަށް މަރުވި މީހުންގެ އަދަދު މިހާރު ވަނީ 18,732 އަށް އަރާފައެވެ. އިއްޔެ އެގައުމުން މި ބަލި ޖެހިގެން މަރުވެފައިވަނީ 763 މީހެކެވެ.

އެގައުމުން އިތުރު 4,583 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، ޖުމްލަ މިހާތަނަށް ފައްސިވި މީހުންގެ އަދަދު ވަނީ 138,078 އަށް އަރާފައެވެ. އޭގައުމުން ހާލު ދެރަވެގެން 1,559 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އިނގިރޭސިވިލާތުގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅު ވަމުން އަންނަ ކަމުގެ ނިޝާންތައް ފާއިތުވި ދުވަސްތަކުގައި ފެންމުން ދިޔަ ނަމަވެސް އެގައުމު ފުރަބަންދު (ލޮކްޑައުން) ކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނައުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެއެވެ.

މިހާތަނަށް ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔެއިން މި ވައިރަސް އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 2,667,567 އަށް އަރާއިރު، އޭގެތެރެއިން މިހާތަނަށް 186,258 މީހަކު ވަނީ މަރުވެފައެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 730,928 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު