ސްރީލަންކާއަށް ހަނދު ފެނިފައި ނުވާތީ އެގައުމުގައި ރަމަޟާން މަސް ފަށާނީ އަންނަ ހޯމަ ދުވަހު ކަމަށް އެގައުމުގެ ވަޤުފް ބޯޑުން ނިންމައިފިއެވެ.

ސްރީލަންކާގައި އިސްލާމީ ކަންތައްތަކާއި ބެހޭ ކަންކަން ނިންމަނީ އެގައުމުގެ ވަޤުފް ބޯޓުންނެވެ. ވަގުފް ބޯޑުން ބުނީ ސްރީލަންކާގައި ރަމަޟާން މަސް ފެށޭނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

މިދުވަސްވަރަކީ ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ އަދި ސްރީލަންކާގެ ގިނަ ސަރަހައްދުތައް އޮތީ ފުރަބަންދު (ލޮކްޑައުން) ކޮށްފައި ކަމަށްވާތީ މިސްކިތްތަކުން އަމަލު ކުރަން ޖެހޭ އުސޫލެއް ވެސް ވަޤުފް ބޯޑުން ވަނީ އިއުލާން ކޮށްފައެވެ.

އެގޮތުން އިމާމު ފިޔަވައި އެހެން އެއްވެސް މީހަކު މިސްކިތައް ނޭރުމަށާއި، ފަރުޟު ނަމާދުތަކާއި ތަރާވީސް ނަމާދާއި ހުކުރު ނަމާދުތައް ވެސް މިސްކިތުގައި ނުކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތަކާއި ރޯދަ ވިއްލުމުގެ ހަރަކާތްތައް ވެސް ކުރިއަށް ނުގެންދަން ވަނީ އެދިފައެވެ.

ސްރީލަންކާގައި ރަމަޟާން މަސް ފަށާނީ ހޮނިހިރު ދުވަހު ކަމަށް ނިންމި ނަމަވެސް ރާއްޖެ އާއި އަދި ގިނަ އިސްލާމީ ގައުމުތަކުގައި މާދަމާ ރަމަޟާން މަސް ފަށާނެއެވެ.

ގިނަ އިލްމުވެރިން ވިދާޅުވާ ގޮތުގައި ރޯދަ ހިފަން ޖެހޭނީ އެގައުމެއްގެ ކަމާބެހޭ އިދާރާއަކުން ނިންމާ ދުވަހެއްގައެވެ. މިގޮތައް ވިދާޅުވާ އިލްމުވެރިންގެ ތެރޭގައި ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވެސް ހިމެނެއެވެ. އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ރޯދަ ހިފަން ޖެހޭނީ އެމީހަކު ދިރިއުޅޭ ގައުމެއްގެ އިދާރާއަކުން ނިންމާ ދުވަހެއްގައެވެ.

ސްރީލަންކާގައި އާއްމު ގޮތެއްގައި ރަމަޟާން މަސް ފަށަނީ އެހެން އިސްލާމީ ގައުމުތަކަށް ވުރެ ލަހުންނެވެ. އެގައުމުގައި ހަނދު ފެނިއްޖެ ކަމަށް ބަލަނީ ހަމަލޮލަށް ހަނދު ފެނުމުންނެވެ.