އަވައްޓެރި ސްރީލަންކާ ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު އަނެއްކާވެސް ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފައްސިވެއްޖެ އެވެ.

މިކަން ހާމަކޮށް ނޫސްތަކުގައި އެޤައުމުގެ އަސްކަރިއްޔާގެ ކޮމާންޑަރ، ޝަވެންދްރަ ސިލްވާ ވިދާޅުވެފައި ވަނީ މި ބައްޔަށް ނޭވީ ސިފައިންގެ އިތުރު 30 މީހަކު ފައްސިވެފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ލަންކާ ނޭވީގައި މަސައްކަތްކުރާ 30 ސިފައިންގެ މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 29 މީހަކަށް ވައިރަސް ޖެހިފައިވާކަން އެނގިފައިވަނީ އިއްޔެ އެވެ. އެހެންކަމުން މިހާރު ލަންކާ ނޭވީ ކޭމްޕުން ޖުމްލަ 60 ސިފައިންގެ މީހަކަށް މި ވަނީ ވައިރަސް ޖެހިފައެވެ. މި އެންމެންނަކީވެސް ލަންކާގެ ވެލިސަރަ އަވަށުގައި ހުންނަ ނޭވީގެ ކޭމްޕުގައި މަސައްކަތްކުރާ މީހުންނެވެ.

އިތުރު ގިނަ އަދަދެއްގެ ބަޔަކު އެ ކޭމްޕުން ކޮވިޑް-19 އަށް ފައްސިވެފައި މިވަނީ، ކޭމްޕުގައި ތިބި ސިފައިންގެ ބަޔަކު ފައްސިވުމާއި ގުޅިގެން ނޭވީގައި ޚިދުމަތްކުރާ ގިނަ އަދަދެއްގެ ސިފައިން ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމާންޑަރ ޝަވެންދްރަ ވިދާޅުވީ، ލަންކާ ނޭވީގެ ސިފައިންނަށް ވައިރަސް ޖެހިފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން، މި ވައިރަސް ޖެހިފައިވާ ފަރާތްތައް ހޯދުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. މި އޮޕަރޭޝަން ކުރިޔަށްގެންގޮސްފައި ވަނީ ލަންކާގެ ސުޑުވެލަ އާއި ޖާއެލާގައެވެ.

ލަންކާ ނޭވީގެ ގިނަ އަދަދެއްގެ ސިފައިން ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ނޭވީގެ ކޭމްޕުގައި އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމް ކޮށްފައިވާ ކަމަށް ޝަވެންދްރަ ވިދާޅުވިއެވެ. އަދި ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުގައި ތިބި، އެ ކޭމްޕުގެ ހުރިހާ ފަރާތްތައްވެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްޓަކައި ރިޕޯޓް ކުރުމަށް އޭނާ އިއްޔެ ވަނީ އަމުރުކޮށްފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ލަންކާއަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައި ވާއިރު، އެޤައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 379 އަށް އަރާފައެވެ. މިހާތަނަށް އެޤައުމުން ވައިރަސް ޖެހުނު މީހުންގެ ތެރެއިން 7 މީހަކު ވަނީ މަރުވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 107 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު