އެމެރިކާގެ މިނެސޯޓާ ސިޓީގައި ފުރަތަމަ ފަހަރަށް އަަޑުހަރުކޮށް ބަންގި ގޮވައިފިއެވެ.

ރޯދަ މަހަށް މިނެސޯޓާގެ މުސްލިމުން ތައްޔާރުވެފައިވާ އިރު، ފަސް ވަގުތުގެ ބަންގި ވެސް އަޑު ހަރުކޮށް ގޮވަމުންދާ ކަމަށްވެއެވެ.

މެދު އިރުމަތީގެ ގައުމުތަކާއި އެފްރިކާގެ އިތުރުން މުސްލިމް ގައުމުތަކުގައި އަޑުހަރުކޮށް ބަންގި ގޮވުމަކީ އާންމުކަމަކަށްވީ ނަމަވެސް އެމެރިކާގައި މިއީ އާ ކަމެކެވެ. ދާދި ފަހުން ޖަރުމަނުގެ ސިޓީއެއްގައި ވެސް އަޑު ހަރުކޮށް ބަންގި ގޮވުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބުނެވެ.

އެމެރިކާގެ ގިނަ ތަންތަނުގައި ބަންގި ގޮވަނީ މިސްކިތުގެ އެތެރެއަށް އަޑު އިވޭ ވަރަށް އެކަންޏެވެ.

އިމާމް އަބްދުއްސަލާމް އާދަމް ބުނީ މިނެސޯޓާގައި އަޑުހަރުކޮށް ބަންގި ގޮތުމަކީ ތާރީހީ ކަމެއް ކަމަށެވެ. އަދި އެކަމާ މެދު އުފާވާ ކަމަށް އޭނާ ބުންޏެވެ.

އަހަރުތަކެއް ވަންދެން އަޑުހަރުކޮށް ބަންގި ގޮވުމުގެ މަޝްވަރާ ކުރެވުނު ނަމަވެސް މިހާތަނަށް އައިއިރު ކާމިޔާބު ނުވާކަމަށް ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު ޖޭލާނީ ހުސެއިން ވަނީ ވިދާޅުވެފައެވެ.

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، މި އަހަރު ބަންގި ގޮވާ އިރު އަޑު ހަރުކޮށް ބަންގި ގޮވަން އިތުރަށް ބާރު އަޅާފައިވާނެ ކަން ހުސެއިން ފާހަގަކުރެއްވިއެވެ.

އެމެރިކާގައި 50،000 އަށް ވުރެ ގިނަ މީހުން މަރުވެ 870،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވާއިރު މި ދަނޑިވަޅުގައި، މިސްކިތަށް އަންނަމުން ދިޔަ މީހުންނާއި ހަމައަށް ބަންގީގެ އަޑު ފޯރާގެ ގޮތެއް ހޯދުން މުހިންމުކަަމަށް ފެނުނު ކަން ހުސެއިން ފާހަގަކުރެއެވެ.

ދަރް އަލް ހިޖްރާ ނަމަކަށް ކިޔާ މިސްކިތުގައި އަޑު ހަރުކޮށް ބަންގި ގޮވާފައިވާ އިރު، ރޯދަ މަހަކީ މުސްލިމުން ގިނަ ވަގުތު އެ ސަރަހައްދުގެ މުސްލިމުން މިސްކިތުގައި ހޭދަކުރާ ދުވަސްކޮޅެކެވެ.

ނަމަވެސް މިހާރު ގޭގައި ތިބެގެން ނޫނީ ކޮވިޑް-19 އިން ރައްކާތެރިވެވެން ނެތުމުން، އާންމުންނަށް މިސްކިތަށް ދެވޭނެ ގޮތެއް ނެތެވެ.

އެހެންކަމުން އާންމުކޮށް ރަމަޟާން މަހު ކުރާ ކަންކަން ނުކުރެވި ތިިބި މުސްލިމުންނަށް އަޑު ހަރުކޮށް ބަންގީގެ އަޑު އިވުމުން އުފާވާނެ ކަމަށް އެ މިސްކިތުގެ އިމާމު ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ?

    މާޝާﷲ

    53
  2. ދަރަނި ދަންތުރަ

    ﷲ ގެ ކުޅަދުންވަންތަކަން މިބަލިމަޑުކަމުގެ ތެރެއިން އެތަށްބަޔަކު އިސްލާމްދީން ގަބޫލުކޮށްފި މުސްލިމުންގެ އާބާދީ އިތުރުވަނީ ޔާ ﷲ މިނުރައްކާތެރި ބަލިން އެއްމެހާ މުސްލިމުން ރައްކާތެރިކުރަށްވާށި އާމީން

    14