ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2.9 މިލިއަން އަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން ޖުމްލަ 2909630 (ދެމިލިއަން ނުވަލައްކަ ނުވަހާސް ހަސަތޭކަ ތިރީސް) މީހަކަށް ވަނީ މި ވައިރަސް ޖެހިފައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ދުނިޔެއިން މި ވައިރަސް އަށް ފައްސިވެގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ވަނީ ލައްކައަކަށްވުރެ އިތުރު ވެފައެވެ.

ދުވަހެއް ދުވަހަކަށް ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވަމުން ދާއިރު، މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން 202660 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު ދެލައްކައަށް އަރާފައި ވަނީވެސް މިރޭ އެވެ.

ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މިހާތަނަށް މި ވައިރަސް ފެނިފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 832224 މީހެއް ކަމަށް އިދާރާތަކުން ބުނެއެވެ.

މިހާތަނަށް ދުނިޔެއިން މި ބަލި ފެނުނު ޤައުމުތަކުގެ ތެރެއިން، ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ އެމެރިކާ އަށެވެ. އެޤައުމުން އެކަނިވެސް މިހާތަނަށް ޖުމްލަ 953851 މީހަކަށް ބަލި ޖެހިފައި ވާއިރު، އޭގެތެރެއިން 53851 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާ އަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު ފައްސިވެ، އެންމެ ގިނަ ބަޔަކު މި ބަލި ޖެހިގެން މަރުވި ޤައުމުވެސް މެއެވެ.

ކޮންޓްރޯލްވުމެއް ނެތި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުންދާ މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ސްޕެއިން އާއި އިޓަލީ އާއި ފްރާންސް އާއި ޖާމަނީ އާއި އިނގިރޭސިވިލާތުގެ އިތުރުން ތުރުކީ ހިމެނެއެވެ. މީގެ އިތުރުން އޭޝިއާ ސަރަޙައްދުން އިންޑިއާގައި ވެސް މި ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާހައި ނުރައްކާތެރި މި ބަލިމަޑުކަން އެންމެ ފުރަތަމަ ދުނިޔޭފައި ފެތުރެން ފަށާފައި ވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުންނެވެ. އެއަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މި ވައިރަސް ވަނީ ފެތުރިފައެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މީގެ ކުރިން ވަނީ މުޅި ދުނިޔެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މި ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ޤައުމުތަކުން އަންނަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު