މުޅި ދުނިޔެއަށް ބަލާއިރު ކޮވިޑް-19 އަށް އިއްޔެ ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދު މަދުވެއްޖެއެވެ. އިއްޔެ އަކީ މާޗް މަހުގެ 30 ވަނަ ދުވަހަށް ފަހު އެންމެ މަދުން މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އިއްޔެ ކޮވިޑް-19 އަށް ފައްސި ވެފައި ވަނީ 69212 މީހުންނެވެ. ފާއިތުވި ދެދުވަހު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ މަދުވެފައެވެ.

ނަމަވެސް ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އިއްޔެ ވަނީ އާދީއްތަ ދުވަހަށް ވުރެ އިތުރު ވެފައެވެ. އިއްޔެ 4532 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އާދީއްތަ ދުވަހު މަރުވެފައި ވަނީ 3751 މީހެކެވެ. އިއްޔެ މަރުވި މީހުންގެ އަދަދު އާދީއްތަ ދުވަހު މަރުވި މީހުންނަށް ވުރެ އިތުރު ނަމަވެސް އިއްޔެ އަކީ މާޗް 31 ވަނަ ދުވަހަށް ފަހު ދެވަނަ އަށް އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 ޖެހިގެން އައިސީޔޫގައި ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ވެސް ވަނީ އޭޕްރީލް 23 ވަނަ ދުވަހުން ފެށިގެން މަދުވާން ފަށާފައެވެ. މިހާރު އައިސީޔޫގައި ފަރުވާ ދެމުން ގެންދަނީ 56297 މީހަކަށެވެ. އާދީއްތަ ދުވަހު 57600 މީހުން އަދި ހޯމަ ދުވަހު 58202 މީހަކަށް އައިސީޔޫގައި ފަރުވާ ދީފައި ވެއެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 3,064,894 އަށް އަރާފައެވެ. އޭގެ ތެރެއިން 211,609 މީހަކު ވަނީ މިހާތަނަށް މަރުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 922,581 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މުޅި ދުނިޔެ އަށް ބަލާއިރު ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ފާއިތުވި ދެދުވަހު މަދުވެފައި ވަނީ އެންމެ ބާރަށް ބަލި ފެތުރެމުން އަންނަ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު މަދުވާން ފަށާފައި ވާތީއެވެ. ނަމަވެސް ރަޝިއާ އާއި ބްރެޒިލް ފަދަ ގައުމުތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު މިހާރު އަންނަނީ އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު