ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައްސިވި މީހުންގެ އަދަދު 3.1 މިލިއަން އަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބައްޔަށް ޖުމްލަ 3118871 (ތިން މިލިއަން އެއްލައްކަ އަށާރަހާސް އަށްސަތޭކަ ހަތްދިހަ އެކެއް) މީހުން ފައްސިވެފައި ވެއެވެ.

އިއްޔެވެސް ދުނިޔޭގެ އެކި ސަރަޙައްދުތަކުން މި ބައްޔަށް ގިނަ ބަޔަކު ފައްސިވެފައި ވާއިރު، މިދިޔަ 24 ގަޑިއިރު ތެރޭ ބައިލައްކައަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވެއެވެ.

ދުވަހެއް ދުވަހަކަށް ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވަމުން ދާއިރު، މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން 216221 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރެއިން ފަސް ހާހާއި ގާތްކުރާ އަދަދަކަށް މީހުން، މިދިޔަ 24 ގަޑއިރު ތެރޭގައި މަރުވެފައި ވެއެވެ.

ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މިހާތަނަށް މި ވައިރަސް ފެނިފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 947190 މީހެކެވެ.

މިހާތަނަށް ދުނިޔެއިން މި ބަލި ފެނުނު ޤައުމުތަކުގެ ތެރެއިން، ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ އެމެރިކާ އަށެވެ. އެޤައުމުން އެކަނިވެސް މިހާތަނަށް ޖުމްލަ 1027024 މީހަކަށް ބަލި ޖެހިފައި ވާއިރު، އޭގެތެރެއިން 58281 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާ އަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު ފައްސިވެ، އެންމެ ގިނަ ބަޔަކު މި ބަލި ޖެހިގެން މަރުވި ޤައުމުވެސް މެއެވެ.

ކޮންޓްރޯލްވުމެއް ނެތި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުންދާ މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ސްޕެއިން އާއި އިޓަލީ އާއި ފްރާންސް އާއި ޖާމަނީ އާއި އިނގިރޭސިވިލާތުގެ އިތުރުން ތުރުކީ ހިމެނެއެވެ. މީގެ އިތުރުން އޭޝިއާ ސަރަޙައްދުން އިންޑިއާގައި ވެސް މި ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާހައި ނުރައްކާތެރި މި ބަލިމަޑުކަން އެންމެ ފުރަތަމަ ދުނިޔޭފައި ފެތުރެން ފަށާފައި ވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުންނެވެ. އެއަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މި ވައިރަސް ވަނީ ފެތުރިފައެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މީގެ ކުރިން ވަނީ މުޅި ދުނިޔެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މި ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ޤައުމުތަކުން އަންނަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވޭދަނަ

    ހުބެއި ޕްރޮވިންސް ގެ ވޫހާން ސިޓީ. ހުއާން ސިޓީ އެއް ނޫން،