ރަޝިޔާގައި، މަޝްހޫރު މެސެޖިންގ އެޕްލިކޭޝަން، ޓެލެގްރާމް ބޭނުންކުރުން މަނާކުރުމުން އެޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާ ކޮށްފިއެވެ. އެޤައުމުގެ ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާ ކޮށްފައިވަނީ ވެރިކަން ކުރާ މޮސްކޯގެ މަގުތަކުގައެވެ.

އެޤައުމުގެ ބައެއް އިދިކޮޅު ލީޑަރުން އިސްވެ ތިބިގެން އިއްޔެގެ މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވާއިރު މުޒާހަރާއަށް ނިކުތް ބައެއް ފަރާތްތަކުން ބުނެފައިވަނީ ޓެލެގްރާމަކީ ޓީވީ އަށް ވުރެވެސް އެމީހުންނަށް މުޙިއްމު އެއްޗެއް ކަމުގައެވެ.

ޓެލެގްރާމަކީ ރަޝިޔާގައި މަޝްހޫރު އަދި އެތައް ބަޔަކު ބޭނުންކުރަމުންދާ އެޕްލިކޭޝަނަކަށްވާއިރު، އެޤައުމުގެ ސަރުކާރުން މި އެޕަށް ނުވަދެވޭ ގޮތް ހަދާފައިވަނީ، ޓެލެގްރާމުގެ އެންކްރިޕްޝަން މައުލޫމާތުތަކެއް ރަޝިޔާގެ ސަރުކާރާ ހިއްސާކުރުމަށް ދެކޮޅު ހެދުމުންނެވެ. މި މައުލޫމާތު ހިއްސާކޮށްފިކަމުގައިވާނަމަ، ޓެލެގްރާމް މެދުވެރިކޮށް ކުރާ ހުރިހާ މެސެޖުތަކެއް ސަރުކާރަށް ބެލޭނެއެވެ.

ރަޝިޔާގެ ސަރުކާރުން ޓެލެގްރާމް ބްލޮކުކޮށްލާފައިވީނަމަވެސް، އެޤައުމުން އެއްކޮށް، މި އެޕް ބްލޮކުކޮށްލެވިފައި ނުވާކަމަށް ބައިނަލްއަޤުވާމީ ނޫސް އިދާރާތަކުން ބުނެފައިވެއެވެ. އެގޮތުން، ވާޗުއަލް ޕްރައިވެޓް ނެޓްވަރކް (ވީޕީއެން) ބޭނުންކޮށްގެން ބައެއް ފަރާތްތަކުން އެޕްގެ ޚިދުމަތް ހޯދަމުން އަންނަކަމަށްވެސް މައުލޫމާތު ލިބެއެވެ.

ހަމައެހެންމެ، ރަޝިޔާގެ ޓެލެގްރާމް ބްލޮކުކުރުމާއެކު އެޤައުމުގައި މި މީސް މީޑިޔާ ވަސީލަތަށް އޮންނަ ތަރުޙީބު ބޮޑުވެގެން ގޮސްފައިވާކަމަށްވެސް ތަފާސްހިސާބުތަކާ ހަވާލާދީ ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އެގޮތުން، ވީޕީއެން ތައް ބޭނުންކޮށްގެން ޓެލެގްރާމަށް ވަދެފައިވާ މީހުންގެ އަދަދު ގިނަ ކަމަށް ގޫގުލް ޑޭޓާ އިން ބުނެފައިވެއެވެ.

މީގެކުރިންވެސް، ރަޝިޔާ އިން ވަނީ މިފަދަ ބައެއް މެސެޖުކުރާ އެޕްތައް، އެޤައުމުގައި މަނާކޮށްފައެވެ. އެގޮތުން، 2017 ވަނަ އަހަރުގެ ތެރޭގައި ބްލެކްބެރީ މެސެންޖަރ، އިމޯ، ވީޗެޓް އަދި ލައިން ހިމެނެއެވެ. އީރާނުގައިވެސް ޓެލެގްރާމް ބޭނުންކުރުމަކީ މަނާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު