ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމަކަށް ރަޝިޔާ ވެއްޖެ އެވެ.

ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ޤައުމަކަށް ރަޝިޔާ ވެފައި ވަނީ މިއަދުވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު އެޤައުމުން ބަލި ޖެހި، ކުރިން ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ޤައުމެއްގެ ގޮތުގައި އޮތް ސްޕެއިންގެ ޖުމްލަ އަދަދަށްވުރެ ފައްސިވި މީހުންގެ ޖުމްލަ ރަޝިޔާގައި އަދަދު އިތުރުވުމުންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރަޝިޔާއިން މިދިޔަ 24 ގަޑިއިރު ތެރޭ އެކަނިވެސް 9709 މީހަކު ހިމެނޭހެން މިހާތަނަށް ޖުމްލަ 281,752 މީހަކަށް ވަނީ ބަލި ޖެހިފައެވެ.

ރަޝިޔާގައި ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވެ، އެޤައުމުން ކޮންމެ ދުވަހަކު މި ބައްޔަށް ހުށަހެޅޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މިހާތަނަށް އެޤައުމުން މި ބަލީގައި ޖުމްލަ 2631 މީހަކު މަރުވެފައި ވެއެވެ. މީގެ ތެރެއިން 94 މީހަކު މަރުވެފައި ވަނީ މިދިޔަ 24 ގަޑިއިރު ތެރޭގައެވެ.

ކޮންމެ ދުވަހަކު ރަޝިޔާއިން އަލަށް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު 9000 އަށްވުރެ މަތިވެފައިވާތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިތުރުވެ، ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށާފައި ވަނީ އޭޕްރިލް މަހުގެ ފަހުކޮޅުން ފެށިގެންނެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ރަޝިޔާއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 67,373 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 2,300 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ. އެޤައުމަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމެވެ.

ކިޔުންތެރިންގެ ހިޔާލު