ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އިންޑިއާއިން އިތުރު 142 މީހަކު މަރުވެއްޖެ އެވެ. މިއީ އެޤައުމުން މިހާތަނަށް މި ބަލީގައި ހަވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އެޤައުމުން އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއެކު މިހާރު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 3,868 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ އިދާރާތަކުން ބުނާގޮތުން އިންޑިއާގައި މިއަދު އެކަނިވެސް 6,629 މީހަކު ހިމެނޭހެން ޖުމްލަ 131,423 މީހަކަށް މި ބަލި ޖެހިފައި ވެއެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި މި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، މި ބަލި ޖެހުނު މީހުންގެ ތެރެއިން އަދި ރަނގަޅުވީ، 3,868 މީހުންނެވެ. އިންޑިއާގައި މި ބަލީގައި އަދިވެސް ގިނަ ބަޔަކަށް ފަރުވާދެމުންދާއިރު، މި ބަލީގައި ސީރިއަސް ހާލުގައި ފަރުވާދެމުންދާ މީހުންގެ އަދަދެއް އިދާރާތަކުން ހާމައެއް ނުކުރެއެވެ.

އިންޑިއާއަކީ ދުނިޔެއިން 11 ވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައިވާ ޤައުމެވެ. އެޤައުމަކީ ދެކުނު އޭޝިއާ ސަރަޙައްދުން އެންމެ ގިނަ ބަޔަކަށް ބަލި ޖެހި، މި ބަލީގެ ނުރައްކާ މި ސަރަޙައްދުން އެންމެ ބޮޑުވެފައިވާ ޤައުމުވެސް މެއެވެ.

އެންމެ ފުރަތަމަ އިންޑިއާއިން ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމުގައި މި ބަލީގެ ނުރައްކާ ބޮޑުވާން ފަށާފައި ވަނީ މިދިޔަ އޭޕްރިލް މަހުން ފެށިގެންނެވެ. އެއާއެކު އެޤައުމުން ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އިންޑިއާ ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވެއެވެ. ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 5.3 މިލިއަންއަށްވުރެ އިތުރުވެފައިވާއިރު، މިހާތަނަށް އޭގެތެރެއިން ތިންލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު