ކޮވިޑް-19 ޖެހިގެން ދުނިޔެއިން އިއްޔެ އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކަށް ބްރެޒިލް ވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް އެޤައުމުން 806 މީހަކު މި ބަލީގައި މަރުވެފައި ވެއެވެ.

ބްރެޒިލް ފިޔަވައި އިއްޔެ އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އެމެރިކާއިންނެވެ. އިއްޔެ އެޤައުމުން 505 މީހަކު މި ބަލީގައި މަރުވިއިރު، އެމެރިކާ އަކީ ދުނިޔެއިން އެންމެ ގިނަ ބަޔަކަށް ބަލި ޖެހި، ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ޤައުމުވެސް މެއެވެ.

އިއްޔެ އެކީ 29 މާރިޗުގެ ފަހުން އެމެރިކާއިން ކޮވިޑް-19 ޖެހިގެން އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

އެމެރިކާ ފިޔަވައި ދުނިޔޭގައި ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމަކީ ބްރެޒިލް އެވެ. އިއްޔެ އެކަނިވެސް އެޤައުމުން އިތުރު 13,051 މީހަކަށް މި ބަލި ޖެހިފައި ވެއެވެ. މިއާއެކު އެޤައުމުން ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެ ވަނީ 376,669 އަށް އަރާފައެވެ.

ބްރެޒިލް އަކީ އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އިދާރާތަކުން ހާމަކުރާގޮތުން އެޤައުމުގައި 8,318 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައެވެ. މިހާތަނަށް ބްރެޒިލް އިން އިއްޔެ އާއި ހަމައަށް، ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 153,833 މީހެކެވެ.