ބިލިއަނަރު ބިލް ގޭސްޓް ފަންޑު ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން ދިނުމާއި އެކު ކޮވިޑް-19 އަށް އެމެރިކާގެ އިތުރު ކުންފުންޏަކުން އުފެއްދި ވެކްސިނެއް އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމެރިކާގެ ނޮވަވަޒް ނަމަކަށް ކިޔާ ބައޯޓެކް ކުންފުނިން އިންސާނުންނަށް ކޮވިޑް-19 ވެކްސިން ޓެސްޓް ކުރުން ކުރިއަށް ގެންދަނީ އޮސްޓްރޭލިއާގައެވެ. މިހާރު ވަނީ ވެކްސިން ޓެސްޓް ކުރުމަށް 130 ވޮލެންޓިއަރުން ހަމަޖައްސާފައެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް މިހާރު ވެކްސިން ދީފިއެވެ.

ލަފާކުރެވޭ ގޮތުގައި މިހާރު ހޮވާފައިވާ ވޮލެންޓިއަރުންނަށް ދޭ ވެކްސިންގެ ނަތީޖާ ޖުލައި މަހު ލިބޭނެއެވެ. ޖުލައި މަހު ނަތީޖާ ލިބުމާއި އެކު، ވެކްސިން ޓެސްޓް ކުރުމުގެ ދެވަނަ މަރުހަލާ ޖުލައި މަހު ފަށާނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިވެކްސިން އުފައްދަން 388 މިލިއަން އެމެރިކާ ޑޮލަރު ބިލް ގޭޓްސް އިންވެސްޓް ކުރައްވާނެއެވެ. ނަމަވެސް ފައިސާ އިންވެސްޓް ކުރައްވާނީ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރިއަށްދާ ނިސްބަތަކުންނެވެ. ނޮވަވަޒްގެ ވެކްސިން އުފައްދަން ބިލް ގޭޓްސް ފައިސާގެ އެހީ ވެދެއްވަން ނިންމެވީ، ވެކްސިން އުފައްދަން ބޭނުން ވާނެ ފައިސާ ނުލިބިގެން އެކުންފުނިން، ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް 100 އަށް ވުރެ ގިނަ ކުންފުނިން ކުރަމުން ގެންދާއިރު ބިލް ގޭޓްސް އަކީ މިހާތަނަށް ވެކްސިން އުފައްދަން އެންމެ ގިނަ ކުންފުންޏަށް ފައިސާގެ އެހީ ވެދެއްވި ބިލިއަނަރެވެ. އޭނާ ގިނައިން އެހީ ދެއްވާފައި ވަނީ ހިލޭ އެހީގެ ގޮތުގައެވެ.

ނަމަވެސް ވެކްސިން އުފައްދަން ބިލް ގޭޓްސް މާގިނައިން އެހީ ވާތީ ބައެއް މީހުން ދަނީ މީސް މީޑިއާގައި ފާޑުކިޔަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ބިލް ގޭޓްސް ދެއްވަމުން ގެންދަވާ އެހީގެ ފަހަތުގައި އެހެން މަޤުޞަދުތަކެއް އެބަހުއްޓެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ސައިންސްވެރިން ކުރަމުން ގެންދިޔަ ނަމަވެސް އެންމެ އަވަހަށް ވެސް ވެކްސިނެއް އުފެއްދޭނެ ކަމަށް ބެލެވެނީ އަންނަ ސެޕްޓެމްބަރ މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އަހަރެމެން ޤައުމުގެ ބިލް ގޭޓް ވަރަށް ފަޤީރު! ނޭގެ ފިތުރު ޒަކާތު ލިސްޓުގައިވެސް ނެތްކަމެއް!

    16
  2. ކިއުން ތެރިއެއް

    މިވަރުގެ އިންވެސްޓެއް ވެކްސިން އަށް ކުރުމުގެ އާޚިރީ ބޭނުމެއް އޭގާ ވާނެ!