ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިއްޔެ ވެސް އިތުރު 774 މީހަކު މަރުވެއްޖެއެވެ. އިއްޔެ އަކީ ފާއިތުވި ތިން ދުވަސް ތެރޭގައި އެމެރިކާ އިން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

އިއްޔެ އެމެރިކާ އިން ވަނީ އިތުރު 19049 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެސް ވެފައެވެ.

އެމެރިކާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު، އެންމެ ބޮޑަށް ހާލަތު ގޯސްވި، ނިއުޔޯކުން އިއްޔެ މަރުވި މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ. ނިއުޔޯކުން އިއްޔެ 144 މީހަކު މަރުވިއެވެ. އިއްޔެ ދެން އެންމެ ގިނަ މީހުން މަރުވީ މެސަޗޫސެޓްސް އިން ނެވެ. އެ ސްޓޭޓުން 57 މީހަކު އިއްޔެ މަރުވިއެވެ.

އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1.7 މިލިއަނަށް އަރާފައެވެ. އޭގެ ތެރެއިން އެއްލައްކަ މީހުން މަރުވެފައި ވާއިރު، އަދި މިހާތަނަށް ބަލިން ރަނގަޅުވީ 479,969 މީހުންނެވެ.

އެމެރިކާގެ ސްޓޭޓްތައް އަލުން ހުޅުވާލަމުން ދާއިރު، މިހާރު ގިނަ ސްޓޭޓްތަކުން ދަނީ ސްކޫލްތައް އަލުން ހުޅުވަން ތައްޔާރު ވަމުންނެވެ. ނަމަވެސް ގިނަ ބެލެނިވެރިން ވަނީ އެމީހުންގެ ދަރިން އަދި ސްކޫލަށް ފޮނުވަން ބޭނުން ނުވާ ކަމަށް ބުނަމުންނެވެ. އިއްޔެ އެމެރިކާގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓެއް ދައްކާ ގޮތުގައި އެމެރިކާގެ ކޮންމެ 10 ބެލެނިވެރިންގެ ތެރެއިން 6 ބެލެނިވެރިން އަދި ދަރިވަރުން ސްކޫލަށް ފޮނުވާކަމަށް ބޭނުމެއް ނުވެއެވެ.

އެމެރިކާގެ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރު ކުރުމުގެ ހުއްދަ މިހާރު ދެމުން ދިޔަ ނަމަވެސް އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރު ކުރާ މީހުން ވެސް 14 ދުވަސް ވަންދެން ކަރަންޓީންގައި ތިބެން ޖެހޭ އުސޫލެއް ގިނަ ސްޓޭޓުތަކުން ވަނީ އެކުލަވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު