ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރަނގަޅުވީ މީހުންގެ އަދަދު 2.6 މިލިއަން އަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ގުޅޭ ފަހުގެ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 2,656,144 (ދެމިލިއަން ހަލައްކަ ފަންސާސް ހަހާސް ސަތޭކަ ސާޅީސް ހަތަރެއް) މީހަކު ވަނީ ރަނގަޅުވެފައެވެ.

މީގެ ދެހަފްތާއެއްހައި ދުވަސް ކުރިޔާ އަޅާ ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަނެއްކާވެސް އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި، ބަލީގެ ކުރީކޮޅު ދުނިޔެއަށް ކުރިމަތިވިވަރަށް ނުރައްކާ ބޮޑުވެދާނެ ކަމުގެ ބިރު އެބައޮތެވެ.

ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މިހާތަނަށް މި ވައިރަސް ފެނިފައިވާއިރު، ބަލި ޖެހުނު މީހުންގެ އަދަދު 6 މިލިއަނަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 366,418 އަށް އަރާފައެވެ.

މިހާތަނަށް ދުނިޔެއިން މި ބަލި ފެނުނު ޤައުމުތަކުގެ ތެރެއިން، ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ އެމެރިކާ އަށެވެ. އެޤައުމުން އެކަނިވެސް މިހާތަނަށް ޖުމްލަ 1,793,530 މީހަކަށް ބަލި ޖެހިފައި ވާއިރު، އޭގެތެރެއިން 104,542 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާ އަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު ފައްސިވެ، އެންމެ ގިނަ ބަޔަކު މި ބަލި ޖެހިގެން މަރުވި ޤައުމެވެ.

ކޮންޓްރޯލްވުމެއް ނެތި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުންދާ މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ބްރެޒިލް އާއި ރަޝިޔާ އާއި އަވައްޓެރި އިންޑިއާ ވެސް ހިމެނެއެވެ. އޭޝިއާ ސަރަޙައްދުން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އިންޑިއާއަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން ރަނގަޅުވީ މީހުންގެ އަދަދު މިއަދު 2.6 މިލިއަން އަށް އަރާފައި ވާއިރު، މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން 53,736 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ. އެހެންކަމުން ކުރިޔަށް އޮތް ތަނުގައި ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާހައި ނުރައްކާތެރި މި ބަލިމަޑުކަން އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުން މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެއަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ 213 ޤައުމަކަށް ނުވަތަ ސަރަޙައްދަކަށް މި ވައިރަސް ވަނީ ފެތުރިފައެވެ. ޗައިނާއިން މިހާރު ވަނީ މި ބަލި ކޮންޓްރޯލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު