ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިއްޔެ ވެސް އިތުރު 1212 މީހަކު މަރުވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހުކުރު ދުވަހު އެމެރިކާ އިން މަރުވި މީހުންގެ އަދަދު ބުރާސްފަތި ދުވަހު މަރުވި މީހުންނާއި ދާދިއެއް ވަރެވެ. ބުރާސްފަތި ދުވަހު އެމެރިކާ އިން 1223 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

އެމެރިކާ އިން އިއްޔެ ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އިއްޔެ އެމެރިކާ އިން 25069 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ އަކީ މެއި މަހުގެ 22 ވަނަ ދުވަހަށް ފަހު އެމެރިކާ އިން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,793,530 އަށް އަރާފައެވެ. އޭގެތެރެއިން 104,542 މީހަކު މިހާތަނަށް މަރުވެފައި ވާއިރު، ބަލިން ރަނގަޅުވެފައި ވަނީ 519,569 މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ގިނަ ސްޓޭޓްތައް ފުރަބަންދުކޮށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިތައް ދޭން ފަށާފައެވެ. އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރި އެންމެ ގިނަ މީހުން މަރުވި ނިއުޔޯކުން ވެސް މިހާރު ވަނީ ފުރަބަންދަށް ލުއިތައް ދޭން ފަށާފައެވެ. ޖޫން މަހުގެ 08 ވަނަ ދުވަހުން ފެށިގެން ނިއުޔޯކްގައި އިތުރު ލުއިތައް ދޭނެކަން މޭޔަރު ކޫމޯ ރޭ ވަނީ އިއުލާން ކުރައްވާފައެވެ.

އެމެރިކާގެ ސްޓޭޓްތައް ހުޅުވާލަން ފެށުމުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް އެއްވެސް ސްޓޭޓަކުން އަދި ކުރިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އަނެއްކާ އެޅުމަށް ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު