ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ބަލިމަޑުކަމަކީ ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާ ވަރުގެ ނުރައްކާތެރި ބަލިމަޑު ކަމެކެވެ. މިދިޔަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބަލި ފެންނަމުން އަންނައިރު، މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ފެނިފައި ވެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި މި ބަލި ދުނިޔޭގައި ފެތުރޭ މިންވަރަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިނަމަވެސް އަނެއްކާވެސް ބަލީގެ ނުރައްކާ ކުރިޔަށްވުރެ ވަނީ އިތުރުވާން ފަށާފައެވެ. މިގޮތުން ޤައުމުތަކުން ބަލި ޖެހޭ މީހުންގެ އަދަދު މީގެ ކުރިން އިތުރު ނުވާވަރަށް މިދިޔަ ދެތިން ދުވަހެއްގައި ވަނީ އިތުރުވެފައެވެ.

ކޮވިޑް-19 ގެ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހުކުރު ދުވަހަކީ މިހާތަނަށް ދުނިޔެއިން މި ބަލި ފެނުނު ފަހުން އެންމެ ގިނަ ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައްސިވި ދުވަހެކެވެ. އެގޮތުން އެދުވަހު އެކަނިވެސް ދުނިޔެއިން 125000 އަށްވުރެ ގިނަ ވޭދަނަ (ކޭސް) ފެންމަތިވެފައި ވެއެވެ.

ދުނިޔެއިން މިހާރު ބަލީގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ބްރެޒިލް އާއި ރަޝިޔާ އާއި އަވައްޓެރި އިންޑިއާ އާއި ޕެރޫގެ އިތުރުން ޗިލީ ހިމެނެއެވެ. މީގެ އިތުރުންވެސް ބައެއް އެހެން ޤައުމުތަކުގައި ބަލި ދަނީ ކޮންޓްރޯލްވުމެއް ނެތި ފެތުރެމުންނެވެ.

އިއްޔެ އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު ޤައުމުތަކުގެ ތެރޭގައި:

1. ބްރެޒިލް: ބްރެޒިލް އަކީ މިވަގުތު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ޤައުމެވެ. އެގޮތުން އިއްޔެ އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހިފައިވެސް ވަނީ އެޤައުމުންނެވެ. އެޤައުމުން އިއްޔެ އެކަނިވެސް އިތުރު 30,102 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އަދި އިތުރު 890 މީހަކު މަރުވެފައި ވެއެވެ.

ބްރެޒިލް އިން މިހާތަނަށް ޖުމްލަ 501,985 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު އޭގެތެރެއިން 28,872 މީހަކު ވަނީ މަރުވެފައެވެ. އެޤައުމަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

2. އެމެރިކާ: އިއްޔެ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ އެމެރިކާއިންނެވެ. އެޤައުމުން އިއްޔެ އެކަނިވެސް އިތުރު 23,290 މީހަކަށް ބަލި ޖެހިފައި ވާއިރު އިތުރު 1,015 މީހަކު ބަލީގައި މަރުވެފައި ވެއެވެ. އެޤައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1,829,273 އަށް އަރާފައެވެ. އަދި މި ބަލީގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު ވަނީ 105,934 އަށް އަރާފައެވެ.

އެމެރިކާއަކި ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެ. އަދި ކޮވިޑް-19 ޖެހިގެން ފަރުވާދޭ މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެނީވެސް އެމެރިކާގައެވެ. އިދާރާތަކުން ބުނާގޮތުން އެޤައުމުން ބަލީގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 17,159 މީހެއްގެ ހާލު ސީރިއަސް އެވެ.

3. ރަޝިޔާ: ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް އިއްޔެ ކޮވިޑް-19 ޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ ރަޝިޔާއިންނެވެ. އެޤައުމުން އިއްޔެ އެކަނިވެސް އިތުރު 8,952 މީހަކަށް ބަލި ޖެހިފައިވާއިރު، މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 396,575 އަށް އަރައެވެ. އިއްޔެ ރަޝިޔާއިން ކޮވިޑް-19 ޖެހިގެން އިތުރު 181 މީހަކު ހިމެނޭހެން މިހާތަނަށް ޖުމްލަ 4,555 މީހަކު މަރުވެފައި ވެއެވެ.

ރަޝިޔާއަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައިވާ ޤައުމެވެ.

4. އިންޑިއާ: މިހާރު އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި އިންޑިއާވެސް ހިމެނެއެވެ. އެގޮތުން އިއްޔެ އެޤައުމަކީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަބަޔަކަށް މި ބަލި ޖެހިގެން ރެކޯޑް ކޮށްފައިވާ ޤައުމެވެ. އިދާރާތަކުން ބުނާގޮތުން އިއްޔެ އިންޑިއާއިން އިތުރު 8,336 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއާއެކު އެޤައުމުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 190,603 އަށް އަރާފައެވެ.

އިއްޔެ އެކަނިވެސް އިތުރު 205 މީހަކު ހިމެނޭހެން އިންޑިއާއިން މިހާތަނަށް މަރުވި މީހުންގެ އަދަދު 5,406 އަށް އަރައެވެ. އެޤައުމަކީ ދުނިޔެއިން ހަތްވަނައަށް އެންމެ ގިނަ ބަޔަކަށް ބަލިޖެހި، ދެވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ.

5. ޕެރޫ: ޕެރޫއަކީ ދުނިޔެއިން 11 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ޤައުމެވެ. އަދި ފަސްވަނައަށް އިއްޔެ އެންމެ ގިނަ ބަޔަކަށް މިބަލި ޖެހުނު ޤައުމަކީވެސް ޕެރޫއެވެ. އިދާރާތަކުން ބުނާގޮތުން އިއްޔެ އެކަނިވެސް އެޤައުމުން އިތުރު 7,386 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 155,671 އަށް އަރައެވެ.

ޕެރޫއިން އިއްޔެ އިތުރު 141 މީހަކު ހިމެނޭހެން މިހާތަނަށް ޖުމްލަ 4,371 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު