ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕާކިސްތާނުގައި މޫނު ނިވާކުރުން މަޖުބޫރުކޮށްފިއެވެ.

އެޤައުމުގެ ހެލްތު މިނިސްޓްރީން މިކަން ހާމަކޮށް އާދީއްތަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޕާކިސްތާނުގެ އާންމު ތަންތަނަށް މީހުން ގޮސް އުޅޭ އުޅުމުގައި ރައްކާތެރިކަމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް މޫނު ނިވާކޮށް މާސްކު އެޅުމުގެ އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން މިސްކިތްތަކާއި މާރުކޭޓާއި ޝޮޕިންމޯލް ތަކާއި އާންމު ދަތުރުފަތުރުތައް ކުރާއިރު ތިބެންވާނީ މޫނު ނިވާކޮށްގެން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޕާކިސްތާނަކީ ދެކުނު އޭޝިއާ ސަރަޙައްދުން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 69,496 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، އޭގެތެރެއިން 1,483 މީހަކު ވަނީ މަރުވެފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް ޕާކިސްތާނުން ކޮވިޑް-19 އަށް އިތުރު 3,039 މީހަކު ފައްސިވެ، މި ބަލީގައި އިތުރު 88 މީހަކު ވަނީ މަރުވެފައެވެ. މިއީ އެޤައުމުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކަށް ބަލި ޖެހި، އެންމެ ގިނަ ބަޔަކު ބަލީގައި މަރުވި ފަހަރެވެ.

އެޤައުމުން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 25,271 މީހެއް ކަމަށް އިދާރާތަކުން ބުނެއެވެ. އަދި މި ބަލީގައި މިހާރު ފަރުވާދެމުންދާ މީހުންގެ ތެރެއިން 111 މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް އެފަރާތްތަކުން ވަނި ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު