އެމެރިކާގައި ކުރިޔަށްދާ ސިލްސިލާ މުޒާހަރާތައް ހުއްޓުވުމަށް، އެޤައުމުގެ އަސްކަރިއްޔާ ނެރޭނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

ޓްރަމްޕް މިގޮތަށް ބުނެފައި ވަނީ ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މުޒާހަރާ އާއި ގުޅޭގޮތުން ދެއްކި ވާހަކައިގެ ތެރެއިންނެވެ.

އެމެރިކާގައި ކަޅުނަސްލުގެ، ޖޯޖް ފްލޮއިޑް ނަމަކަށްކިޔާ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ކަރަށް ފައިން އަރައި ހާސްކޮށްލައިގެ މަރާލި ހާދިސާއާއި ގުޅިގެން އެޤައުމުގައި ކުރިޔަށްދާ މުޒާހަރާތައް ހުއްޓުވުމަށް ތަފާތު އެކި އިންޒާރުތައް ދީފައިވާ ޓްރަމްޕް މިއަދު ބުނެފައި ވަނީ އަސްކަރިއްޔާ ނެރެ މި މައްސަލައަށް ފަސޭހަ ހައްލެއް ހޯދާނެ ކަމަށެވެ.

ޓްރަމްޕް ބުނެފައިވަނީ މުޒާހަރާ ހުއްޓުވުމަށް އަސްކަރިއްޔާ ނެރެން ޖެހޭނީ މަދު ވަގުތުކޮޅަކަށް ކަމަށާއި، އެއާއެކު މުޒާހަރާތައް ދާދި އަވަހަށް ހުއްޓިގެންދާނެ ކަމަށެވެ. އަދި ޚާއްސަކޮށް ވެރިކަންކުރާ ވޮޝިންޓަންގައި މުޒާހަރާގެ ބައިވެރިން ހިންގާ ކަންކަމާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

ޓްރަމްޕް ބުނެފައިވަނީ، މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި އާންމުންނަށް ނުރައްކާ ކުރިމަތި ކުރަމުންދާ ފަރާތްތައް ހޯދައި ޖަލަށްލާނެ ކަމަށެވެ. އަދި އެފަރާތްތަކަށް ދިގު މުއްދަތެއްގެ ޖަލުޙުކުމް އަންނާނެކަން ޔަޤީންކުރާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން މީގެ ހަފްތާއެއްހައި ދުވަސް ކުރިން އެމެރިކާގައި ފެށުނު މުޒާހަރާތައް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެގޮތުން އެޤައުމުގެ ގިނަ ސަރަޙައްދުތަކުގައި މި މުޒާހަރާތައް ކުރަމުންދާއިރު 40 އަށްވުރެ ގިނަ ސިޓީގައި ވަނީ ކާފިއު އިއުލާނުކޮށްފައެވެ.

ހަމައެހެންމެ ޓްރަމްޕް އާއި އޭނާގެ އާއިލާ ދިރިއުޅެމުން އަންނަ އެމެރިކާގެ ރިޔާސީ ގަނޑުވަރު ކައިރިޔަށްވެސް މުޒާހަރާގެ ގިނަ އަދަދެއްގެ ބައިވެރިން ވަނީ ދެ ދުވަހެއްގެ މަތީން އެއްވެފައެވެ. ވައިޓް ހައުސް ހިމެނޭ ސަރަޙައްދުގެ ބޭރުން ޖަހާފައިވާ ބެރިކޭޑްތައް ފޫއަޅުވާލުމަށްފަހު އެފަރާތްތަކުން ވަނީ އެ ގަނޑުވަރުގެ ތެރެއަށް ވަނުމަށްވެސް މަސައްކަތް ކޮށްފައެވެ.

ޓްރަމްޕް ބުނެފައިވަނީ މުޒާހަރާގެ ބައިވެރިން ގަނޑުވަރު ހިމެނޭ ސަރަޙައްދަށް ވަދެއްޖެނަމަ، އެފަރާތްތަކަށް ހަމަލާދޭން ދޫކޮށްލާނީ ކުއްތާތަކެއް ކަމަށެވެ.

ވައިޓް ހައުސް ހުންނަ ސަރަޙައްދަށް މުޒާހަރާގެ ބައިވެރިން އެއްވުމާއި ގުޅިގެން މީގެ ކުރިން ޓްރަމްޕް ބިމުގެ އަޑީގެ ބަންކަރަކަށްވެސް ގެންގޮސްފައި ވެއެވެ. އަދި ވައިޓް ހައުސްގައި މަސައްކަތްކުރާ މުވައްޒަފުން އަމިއްލަ ސަލާމަތަށްޓަކައި ގޭގައި މަޑުކުރުމަށް ވެސް އަންގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޖޯން

  ޢަސް ކަރިޔާ ނެރެގެން ހިނދު ކޮޅެއްގެތެރޭގައި ކޮރޯނާ ހުއްޓުވަބަލަ ތިހާގަޓްހުރިއްޔާ.

  13
 2. ޙުއްތު

  ޢެމެރިކާގެ ހަލާކު

 3. Anonymous

  ތިހެން އުޅުނު ފިރުއައުނެވެސް މާ ގަދަވެފަ.