އެމެރިކާގެ މިނިއާޕޮލިސްގައި ނަސްލީ ތަފާތު ކުރުންތައް ގެންގުޅެ އަނިޔާވެރިކޮށް މަރާލި ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން އެ ގައުމުގެ ބޮޑެތި ސިޓީތަކުގައި އަންނަނީ ވަރުގަދަ މުޒާހަރާތަކެއް ކޮށް، ފިހާރަތައް ލޫޓު ކުރުމުންނެވެ.

މިކަމާއި ގުޅިގެން އެޕަލްގެ ބައެއް ސްޓޯރުތައްވެސް ފަޅާލައި ލޫޓު ކުރާ ފަރާތްތަކުން ވަނީ ފޯނުތަކާއި އެނޫންވެސް ބައެއް އެޕަލްގެ ޕްރޮޑަކްޓުތައް ވަގަށް ނަގާފައެވެ. މިއާއިއެކު އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ސްޓޯރުތަކުން ތަކެތި ވަގަށް ނެގުމަކީ ބޭކާރު ކަމެއް ކަމަށާއި، އެ ފޯނު އެއްވެއް މީހަކަށް ބޭނުން ނުކުރެވޭނެ ކަމަށާއި އަދި ފޯނު އޮންނަ ތަންވެސް އެމީހުންނަށް ހޯދޭނެ ކަމަށެވެ.

މީސް މީޑިއާގައި މިހާރު އާއްމުވަމުން އަންނަ ފޮޓޯ އަކުން ފެންނަ ގޮތުގައި ވަގަށް ނަގާފައިވާ ފޯނެއް ހުޅުވުމުން އެއަށް އަރާފައި އިންނަނީ އެ ފޯނު ބޭނުން ނުކުރެވޭނެ ކަމަށާއި އެ ފޯނު ވަގަށް ނެގި ސްޓޯރަށް އޭތި އަނބުރާ ރައްދު ކޮށްދޭން އެދޭ ކަމަށާއި އެހެން ނޫންނަމަ، ކަމާބެހޭ ފަރާތްތަކަށް އެކަން އެންގޭނެ ކަމަށެވެ.

އެމެރިކާގެ މިނިއާޕޮލިސް އާއި ކެލިފޯނިއާ ފަދަ ބައެއް ސިޓީތަކުގައި ގިނަ އަދަދެއްގެ ފިހާރަތަކެއް ލޫޓުކޮށް، އާއްމުންނާއި ފުލުހުންގެ ވެހިކަލްތަކުގައި ހުޅު ޖަހައި ވަނީ ރޯވެސް ކޮށްލާފައެވެ.