ކޮވިޑް-19 އަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން އުފައްދާ ވެކްސިން ކާމިޔާބު ވެއްޖެނަމަ އެވެކްސިންގެ ދެބިލިއަން ޑޯސް އުފައްދާނެ ކަމަށާއި، އަންނަ ސެޕްޓެމްބަރ މަހު މެދުފަންތީގެ ގައުމުތަކަށް ވެސް ވެކްސިން ލިބެން ފަށާނެ ކަމަށް ވެކްސިން ސަޕްލައި ކުރުމުގެ މަސައްކަތާއި ހަވާލުވެފައިވާ ބޭސްއުފައްދާ ކުންފުނި "އަސްޓްރާޒެނެކާ" އިން ބުނެފިއެވެ.

އޮކްސްފޯޑް އިން އުފައްދާ ވެކްސިންގެ ފުރަތަމަ 400 ޑޯސް އިނގިރޭސިވިލާތާއި އެމެރިކާ އަށް ސަޕްލައި ކުރަން ކުރިން އޮތީ ނިންމާފައެވެ. އެހެންކަމުން އެވެކްސިން މެދުފަންތީގެ ގައުމުތައް ނުވަތަ އެންމެ މުއްސަނދި ނޫން ގައުމުތަކަށް ލިބިދާނެ ކަމާއި މެދު އޮތީ ސުވާލު އުފެދިފައެވެ. އިންޑިއާގެ ކުންފުނިން އުފައްދާ އެއް ބިލިއަން ޑޯސްގެ އިތުރުން ދެން އުފައްދާ އެއްބިލިއަން ޑޯސް އުފައްދާނީ އަސްޓްރާޒެނެކާ އިންނެވެ.

އަސްޓްރާޒެނެކާ އިން މިހާރު ވަނީ ވެކްސިންގެ އެއްބިލިއަން ޑޯސް ކުޑަ އާމްދަނީއެއް ލިބޭ ގައުމުތަކާއި މެދު މިންވަރެއްގެ އާމްދަނީއެއް ލިބޭ ގައުމުތަކަށް ފޯރުކޮށްދިނުމަށް އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެރަމް އިންސްޓިއުޓް އާއި އެކު ސޮއި ކޮށްފައެވެ. އިންޑިއާގެ ކުންފުނިން އެއް ބިލިއަން ޑޯސްގެ ވެކްސިން އުފައްދާނެއެވެ. އޭގެ ތެރެއިން 400 މިލިއަން ޑޯސް މިއަހަރު ފޯރުކޮށްދޭނެއެވެ.

އޮކްސްފޯޑް އިން އުފައްދާ ވެކްސިން ކާމިޔާބު ވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ސައިންސްވެރިން ބުނެއެވެ. މިހާތަނަށް ވެކްސިންގެ ފުރަތަމަ މަރުހަލާގެ ތަހްލީލްތައް ވަނީ ނިމިފައެވެ. އެތަހްލީލްތަކުން ދައްކާފައި ވަނީ ނަތީޖާ ރަނގަޅު ކަމަށެވެ. މިހާރު ކުރިއަށް ދަނީ 10000 މީހުންނަށް ވެކްސިން ދީގެން ކުރިއަށް ގެންދާ އެންމެ މުހިއްމު މަރުހަލާގެ ތަހްލީލްތަކެވެ. މިމަރުހަލާގެ ބައެއް ނަތީޖާތައް މިމަހު ފަހުކޮޅު ނުވަތަ އަންނަ މަހު ލިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ 100 އަށް ވުރެ ގިނަ ލެބޯޓްރީގައި ކުރިއަށް އެބަދެއެވެ. އޭގެ ތެރެއިން ދިހަ ވަރަކަށް ވެކްސިން އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަމުން އެބަދެއެވެ. އޮކްސްފޯޑްގެ ވެކްސިންގެ އިތުރުން އެހެން ބައެއް ގައުމުތަކުން އުފައްދާ ވެކްސިންތައް ވެސް މިއަހަރު ނިމުމުގެ ކުރިން ލިބުމުގެ އުއްމީދު ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސްކިޕަރު

    ރާއްޖެއަށް ވެކްސިން ގެނައުމަށް އެއްވެސް މަސައްކަތެއް ސަރުކާރުން އެބަކުރޭތަ؟؟؟

  2. ޝޯލާ ސިސްޓަމް

    ނުކުރާނެ......؟¿؟؟؟؟