ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން، މިދިޔަ 24 ގަޑިއިރު ތެރޭ އަވައްޓެރި އިންޑިއާއިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ބުނާގޮތުން، އިއްޔެ އެކަނިވެސް އިންޑިއާއިން އިތުރު 286 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގައި އެޤައުމުން އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

މިއާއެކު އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 6649 އަށް އަރާފައެވެ.

ފަހުގެ މަޢުލޫމަތުތަކަށް ބަލާއިރު، އިންޑިއާއިން އިއްޔެ އެކަނިވެސް އިތުރު 9471 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއީ އެޤައުމުން އެއް ދުވަހެއްގެ ތެރޭގައި ތިންވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ފަހަރެވެ. އެޤައުމުން މިހާރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 236,184 އަށް އަރާފައެވެ.

އިންޑިއާއިން އިއްޔެވެސް ގިނަ ބަޔަކު އަލަށް ކޮވިޑް-19 އަށް ފައްސިވުމާއި އެކު، އެޤައުމު ވަނީ އިޓަލީއަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވި ޤައުމަކަށް ވެފައެވެ. ހަމަ އެހެންމެ އިންޑިއާ މިހާރު ވެފައި ވަނީ ދުނިޔެއިން ހަ ވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު ޤައުމަށެވެ.

އިންޑިއާއިން މިހާތަނަށް ޖުމްލަ 113,233 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން އެޤައުމުގައި މިހާރު ފަރުވާދެމުން ދަނީ 116,302 މީހަކަށެވެ. މީގެ ތެރެއިން 8,944 މީހެއްގެ ހާލު ދެރަކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.

އިންޑިއާއަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާހުލް

    މޮގެންބޯ ޚުޝްހުވާ :ޑ