ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު ހަތަރު ލައްކައަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދަކީ، 400,472 އެވެ. އޭގެތެރެއިން 3,026 މީހަކު މަރުވެފައި ވަނީ މިދިޔަ 24 ގަޑިއިރު ތެރޭގައެވެ.

މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަސް ޖެހިގެން މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ވައިރަސްގެ ޝިކާރައަކަށްވެ ޖުމްލަ 111,858 މީހަކު މަރުވެފައި ވެއެވެ.

ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވެފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެޤައުމުން މިހާތަނަށް 40,465 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ.

ކޮވިޑްގެ ނުރައްކާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޮޑުވެފައިވާއިރު، މިހާތަނަށް ދުނިޔެއިން ޖުމްލަ 6,926,560 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން 86,239 މީހަކު ފައްސިވެފައި ވަނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައެވެ. ދުނިޔެއިން މި ވައިރަސް ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން ޖުމްލަ 53,569 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދާއިރު، ބަލިން ސަލާމަތްވެފައި ވަނީ 3,389,218 މީހެކެވެ.

ނުރައްކާތެރި "ކޮވިޑް-19" އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުންނެވެ. އެ ސަރަޙައްދުން ވައިރަސް ފެނުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް ވައިރަސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރިފައެވެ. އެންމެ ފުރަތަމަ މި ވައިރަސް ފެތުރެން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙނ

    އެމެރިކާއާއި އިނގިރޭސި ވިލާތުން އެންމެ ގިނަ މީހުން މަރުވެފައިވާ ސިއްރު ބުއްދިއާއި ހިކުމަތް ހުރި ދުނިޔޭގެ ކަންކަމާއި މެދު ވިސްނާ މީހަކަށް ނޯޅޭނެއެވެ.