ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 7 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 ގެ ފަހުގެ މައުލޫމާތު އާންމު ކުރަމުން އަންނަ ބައިނަލްއަޤުވާމީ އިދާރާއަކުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ބަލި ފެތުރިފައިވާ ގައުމުތަކުން މިއަދާއި ހަމައަށް 7,012,177 މީހުންނަށް ވަނީ ބަލި ޖެހިފައެވެ.

ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ އަދަދި 7 މިލިއަނަށް އަރާފައިވާއިރު، އިއްޔެ އެކަނިވެސް ދުނިޔެއިން 128,677 މީހަކު ވަނީ ފައްސިވެފައެވެ.

މިދިޔަ މޭއި މަހުގެ މެދެއްހާ ހިސާބުގައި، ދުނިޔެއިން ކޮވިޑް-19 ޖެހޭ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށްވެގެން ދިޔަނަމަވެސް، އަނެއްކާވެސް ބަލީގެ ނުރައްކާ ދުނިޔެއަށް ވަނީ ބޮޑުވާން ފަށާފައެވެ. މިގޮތުން ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި، މި ބަލީގައި މަރުވާ މީހުންގެ އަދަދު މިދިޔަ ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މުޅި ދުނިޔެއިން މި ބަލި ޖެހިގެން 402,732 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަލުވި ކަމާއި އެކީ ބަލި ފެތުރެން ފަށާފައިވާ އެމެރިކާއިންނެވެ.

ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިނގިރޭސި ވިލާތުންނެވެ. އަދި ތިނަ ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ބްރެޒިލް އިންނެވެ.

މިއަދާއި ހަމައަށް މި ބަލި ޖެހިގެން ރަނގަޅުވެފައިވަނީ 3,430,347 މީހުންނެވެ. އަދި 3,179,098 މީހަކަށް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 53,748 މީހުންގެ ހާލު ސީރިއަސްއެވެ.

ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އަދި ޖެނުއަރީ މަހުގެ ތެރޭގައި މި ބަލި ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެން ފެށިއިރު މިހާތަނަށް 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު