އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ދެކޮޅަށް އޭނާ ނިސްބަތްވަ ޕާޓީގެ މެމްބަރު އަދި އެމެރިކާގެ ކުރިގެ ސެކްރެޓަރީ އޮފް ސްޓޭޓް، ކޮލިން ޕަވަލް ނިކުމެއްޖެ އެވެ.

ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް އަށް ތާޢީދު ނުކުރައްވާނެ ކަން ޕަވަލް މިހާރު ހާމަކޮށްފައި ވާއިރު، އޭނާ ވިދާޅުވީ އަންނަ އިންތިޚާބުގައި ވެރިކަމަށް ވަޑައިގަތުމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އެޤައުމުގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވި ޖޯ ބައިޑަން ކަމަށެވެ.

ޕަވަލް އަކީ ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީން އޭނާ އަށް ތާއީދު ނުކުރައްވާނެކަން ހާމަކުރެއްވި ފުރަތަމަ ބޭފުޅާއެވެ.

އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ޖޯޖް ހާބާޓް ވޯކާ ބުޝް އާއި ބިލް ކްލިންޓަންގެ އިތުރުން ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި ވެސް ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވި ޕަވަލް ޓްރަމްޕް އާއި ދެކޮޅަށް ތެދުވެފައި މިވަނީ، އެމެރިކާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުންވުން ޓްރަމްޕް އަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ޕަވަލް ވިދާޅުވެފައި ވަނީ، އޭނާ ޓްރަމްޕް އަށް އަންނަ ރިޔާސީ އިންތިޚާބުގައި ތާޢީދު ނުކުރަން ނިންމެވީ ޓްރަމްޕް ވެރިއެއްގެ އުސޫލުތަކާއި ޚިލާފުވެ ޤައުމުގެ ހަމަހަމަކަމާއި ޑިމޮކްރެސީއަށް އޮތް ނުރައްކަލަކަށް ވެފައިވާ ކަމަށް ޤަބޫލުކުރައްވާތީ ކަމަށެވެ. އެހެންކަމުން ޓްރަމްޕް ވެރިކަމުގައި ހުރުމަށް އޭނާ ނޭދޭ ކަމަށް ޕަވަލް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޕަވަލް ވަނީ އޭނާއަށް ތާއީދު ނުކުރެއްވުމަށް ރިޕަބްލިކަން ޕާޓީގެ މެމްބަރުންނަށް ގޮވާލާފައެވެ. އަދި ޓްރަމްޕް އަކީ ދޮގުވެރިއެއް ކަމަށާއި، އޭނާގެ ކިބައިން ޤައުމު ސަލާމަތްކޮށް އާ ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށްވެސް ޕަވަލް ވިދާޅުވިއެވެ.

2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ޕަވަލް ޓްރަމްޕަށް ވޯޓުދެއްވާފައެއް ނުވެއެވެ. އެ އިންތިޚާބުގައި ޕަވަލް ވޯޓު ދެއްވީ، ޓްރަމްޕް އާއި ވާދަކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، ހިލަރީ ކްލިންޓަން އަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު އަންނަ ނޮވެމްބަރު މަހު އޮންނައިރު، ޕަވަލް ތާޢީދުކުރައްވާ ބައިޑެން އަށް އެޤައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ބާނީ ސެންޑަރސް ވެސް ވަނީ ތާޢީދު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    ޓްރަމްޕް ފަކީރޫ....... ލަލަލާ!

    15