ކޮވިޑް-19 ޖެހިގެން އިއްޔެ އެމެރިކާ އިން މަރުވެފައިވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް މަދުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 ޖެހިގެން އިއްޔެ އެމެރިކާ އިން މަރުވެފައި ވަނީ 373 މީހެކެވެ. އެހެންކަމުން އިއްޔެ އަކީ މާޗް މަހުގެ 25 ވަނަ ދުވަހަށް ފަހު ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

އިއްޔެ އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ އަދަދު ވެސް މަދެވެ. އިއްޔެ އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 18905 މީހުންނެވެ. އިއްޔެ އަކީ މެއި މަހުގެ 11 ވަނަ ދުވަހަށް ފަހު އެމެރިކާގައި އެންމެ މަދުން މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން ހުއްޓުމެއް ނެތި އެމެރިކާގައި މުޒާހަރާ ކުރަމުން އަންނަތާ މިހާރު 13 ދުވަސް ވެފައި ވާއިރު މުޒާހަރާތަކުގެ ސަބަބުން ކޮވިޑް-19 ފެތުރިގެން ދިއުމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މުޒާހަރާތަކުގެ ސަބަބުން ބަލި ފެތުރުން އިތުރުވެގެން ގޮސްފައިވާނަމަ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.

މުޒާހަރާތަކުގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ހައްޔަރު ވެސް ކޮށްފައި ވާއިރު، ހައްޔަރު ކުރި މީހުންގެ ތެރޭގައި ވެސް ބަލި ފެތުރިގެން ދިއުމުގެ ބިރު އެބައޮތް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު