ނިއު ޒީލޭންޑުގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެންމެ ފަހު މީހާ އެ ބަލިން ރަނގަޅުވުމާއެކު، އެ ގައުމުގައި އަޅާފައިވާ ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތައް އުވާލައި، އެ ގައުމު އާންމު ހާލަތަކަށް ދިއުމަށް ނިންމައިފިއެވެ.

އެ ގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން ވިދާޅުވީ އާންމު ހާލަތަކަށް ދިޔަ ނަމަވެސް ކޮވިޑް-19 އާ މެދުގައި ސަރުކާރުން ސަމާލުކަން ނުދީ ނުތިއްބަވާނެ ކަމަށެވެ. އަދި ހީނަރުވެފައިވާ އިގްތިސާދު އަލުން ބިނާކުރަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ވަގުތަށް މުޖުތަމައު ތެރޭގައި ބަލި ފެތުރުން މި ވަނީ ހުއްޓުވިފައި. އެކަމަކު، އެ މަސައްކަތެއް އަދި ނުނިމޭ،" އާޑާން ވިދާޅުވިއެވެ.

ނިއު ޒީލެންޑްގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން، އެ ގައުމުން އެޅި އެންމެ ބޮޑު އެއް ފިޔަވަޅަކީ ގާތްގަނޑަކަށް ފަސް ހަފްތާ ވަންދެން، ނިއު ޒީލެންޑްގެ ހުރިހާ ހިސާބެއް ފުރަބަންދު ކުރުމެވެ.

އަދި ބޯޑަރުތައް ބަންދުކޮށް ގައުމަށް އެތެރެވާ ކޮންމެ މީހަކު ކަރަންޓީން ފެސިލިޓީތަކަށް ގެންދިޔައެވެ. އޮފީސްތަކާއި ސްކޫލްތަކާއި ރެސްޓޯރަންޓުތަކާއި ކެފޭތައް މުއްދަތެއް ނެތް ގޮތަށް ބަންދުކުރިއެވެ. ޓެކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ވެސް ހުއްޓާލިއެވެ.

ނިއު ޒީލެންޑުން 1,504 މީހެއްގެ ގައިން ބަލި ފެނުނު އިރު، މި ބަލީގައި އެ ގައުމުން މަރުވީ އެންމެ 22 މީހުންނެވެ.

ބޮޑުވަޒީރު ވިދާޅުވީ ފުރަބަންދުގެ ހާލަތު އުވާލުމުން ފިހާރަތަކާއި، ރެސްޓޯރަންޓުތަކާއި އޮފީސްތައް ފަދަ ތަންތަން އަލުން ހުޅުވުމުގެ ހުއްދަ ލިބިގެންދާނެ ކަމަށެވެ.

އެ ގައުމުގައި އެންމެ ފަހުން ބަލިން ރަނގަޅުވެފައި ވަނީ އޮކްލޭންޑްގެ އަންހެނެކެވެ.

ނިއު ޒީލެންޑުގައި އެންމެ ފަހުން އެ ބައްޔަށް ފައްސިވި މީހަކު ފެނިފައިވަނީ މީގެ 17 ދުވަސް ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބް

    މަރުހަބާ.. ވެރިންނަށް ރައްޔިތުން އިތުބާރު ކުރާތަށް މި ފެންނަނީ...