ކަޅުނަސްލުގެ ފުލުހަކަށް މަގާމު ދިނުމަށް ޕޯޓްލެންޑުގެ ދޮން ނަސްލަށް ނިސްބަތްވާ ޕޮލިސް ޗީފް ޖެމީ ރޭޗް މަގާމުން އިސްތިއުފާ ދީފިއެވެ.

މިދިޔަ ހޯމަ ދުވަހު ޖެމީ އިއުލާންކޮށްފައިވާ ގޮތުގައި، ޗަންކް ލޮވެލް ނަމަކަށް ކިޔާ އެމެރިކާގެ ކަޅު ނަސްލުގެ ފުލުސް އޮފިސަރަށް ޕޮލިސް ޗީފްގެ މަގާމު ލިބުމަކީ އޭނާ އެންމެ އެދޭ ކަމެވެ. އަދި އޭނާ ހުރި މަގާމުން ވަކިވުމަށްފަހު ޗަންކް އަށް އެމަގާމު ހަމަޖައްސައިދިނުމަށް ޖެމީ އެދުނެވެ.

ޖެމީ ބުނި ގޮތުގައި އޭނާ މިގޮތަށް އަމަލުކުރުމަށް ގަސްތުކޮށްފައި ވަނީ ދާދި ފަހުން އެމެރިކާގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ގަސްތުގައި މަރާލި ޖޯޖް ފްލޮއިޑްގެ ހަނދާނުގައި، މުޅި ދުނިޔޭގައިވެސް ކަޅު ނަސްލުގެ ތަފާތުކުރުންތައް މަދުކޮށް، އެ ނަސްލަށް ނިސްބަތްވާ މީހުން ބާރުވެރި ކުރުވުމުގެ ގޮތުންނެވެ.

އަދި އޭނާ ގަބޫލުކުރާ ގޮތުގައި އޮފިސަރ ޗަންކް އަކީ މި މަގާމު އެންމެ ހައްގު ފަރާތް ކަމަށް ޖެމީ ވަނީ ބުނެފައެވެ.

މިހާރު އުމުރުން 46 އަހަރު ފުރިފައިވާ ޗަންކް އަކީ 2002 ވަނަ އަހަރު ފުލުހުންގެ ހިދުމަތާއި ގުޅުނު މީހެކެވެ.

ޖެމީ ބުނީ އޭނާ ވާނީ ޗަންކްގެ އަރިހުން ޗީފް ޕޮލިސްގެ މަގާމަށް އައުމަށް އެދިފައި ކަމަށާއި، އަދި މިހާތަނަށް އެއްކޮށް ކުރެވިފައިވާ މަސައްކަތްތަކުންނާއި، އެހެނިހެން ވަޒީފާ އާއި ބެހޭ ކަންކަމުންވެސް ސާބިތު ވަނީ އެއީ ޗީފް ޕޮލިސްގެ މަގާމަށް ގާބިލް، ރަނގަޅު މީހެއް ކަމުގައި ކަމަށެވެ.

ޖެމީ ބުނި ގޮތުގައި އޭނާ މަގާމުން ވަކިވި ކަމުގައިވީނަމަވެސް، ފުލުހެއްގެ ވަޒީފާގައި ދެމިހުންނާނެއެވެ. އެހެން ނަމަވެސް ދެން އޭނާ އަދާކުރާނެ މަގާމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޖޯޖް ފްލޮއިޑްގެ މަރަށް ފަހު މުޅި ދުނިޔޭގައިވެސް އަންނަނީ ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް އަޑުތައް ފެތުރެމުންނެވެ.