ކުރިޔަށް އޮތް މަހެއްހާ ދުވަސް ތެރޭ ޕާކިސްތާނުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިލިއަނަކަށްވުރެ އިތުރުވެދާނެ ކަމަށް އެޤައުމުގެ އިދާރާތަކުން ލަފާކޮށްފިއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޕާކިސްތާނަކީ މިހާރު 15 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ޤައުމެވެ. އެޤައުމުން ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ، ނުރައްކާ އަންނަނީ ބޮޑުވަމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތުތައް ހާމަކުރުމަށް ޕާކިސްތާނުގެ އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޤައުމުގެ ޕްލޭނިންގް މިނިސްޓަރ، އަސަދު އުމަރު ވިދާޅުވީ، ބަލި މިހާރު ފެތުރެމުންދާ ގޮތަށް ފެތުރޭނަމަ މި މަހުގެ ފަހުކޮޅު އެޤައުމުން ބަލި ޖެހޭ މީހުންގެ އަދަދު ދެގުނައަށް އިތުރުވާނެ ކަމަށް ބެލެވިފައިވާ ކަމަށެވެ.

އަދި ކުރިޔަށް އޮތް މަހެއްހާ ދުވަސް ތެރޭ 1.2 މީހުންނަށް އެޤައުމުން ބަލި ޖެހިދާނެ ކަމުގެ ނުރައްކާ އޮތް ކަމާއި، މި ބައްޔާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅުތައް ނޭޅި، އާންމުން ހޭލުންތެރި ނުވެއްޖެ ނަމަ ގިނަ ދުވަސްތަކެއް ވަންދެން ކޮވިޑްގެ ނުރައްކަލާއި އެކު ޤައުމު ހުއްޓުމަކަށް އައިސްފައި އޮންނަން ޖެހިދާނެ ކަމަށް މިނިސްޓަރ އަސަދު ވިދާޅުވިއެވެ.

އެހެންކަމުން މި ދަނޑިވަޅުގައި އިދާރާތަކުން ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކުންވެސް ބޯލަނބައި ކިޔަމަންތެރި ވުމަކީ ބަލިން އަރައިގަނެވުމަށް އޮތް ހަމައެކަނި މަގު ކަމަށް ވިދާޅުވެ އަސަދު ވަނީ ޕާކިސްތާނުގެ ރައްޔިތުންގެ ކިބައިން އެކަމަށް އެދިވަޑައިގެންފައެވެ.

ޕާކިސްތާނުން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މާރިޗު މަހުގެ ތެރޭގައެވެ. އެއަށްފަހު އެޤައުމަށް ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވާން ފަށާފައި ވަނީ މި ހިނގާ ޖޫން މަހުގައެވެ. އެގޮތުން މިހާތަނަށް އެޤައުމުން އެންމެ ގިނަ ބަޔަކަށް އެޤައުމުން ބަލި ޖެހުނު ދުވަހަކަށް އިއްޔެ ވަނީ ވެގެން ގޮސްފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 5,248 މީހަކު ހިމެނޭހެން ޕާކިސްތާނުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 144,478 އަށް އަރާފައެވެ. އެޤައުމުން މިހާތަނަށް މި ބަލީގައި 2729 މީހަކު މަރުވެފައި ވާއިރު، ބަލިން ރަނގަޅުވެފައި ވަނީ 53721 މީހެކެވެ.

ޕާކިސްތާނުގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުން، މިހާރު އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ 88,028 މީހަކަށެވެ. އޭގެތެރެއިން ސަތޭކައަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު