ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހާލު ގޯސްވާ މީހުންނަށް ޑެކްސަމެތަސޯން ނަމަކަށް ކިޔާ ބޭހެއް ބޭނުން ކުރުމުން ހާލަތު ރަނގަޅުވާ ކަމަށް އޮކްސްފޯޑް ޔުނިވަސިޓީން ކުރި ދިރާސާއަކުން ދައްކާފައި ވަނިކޮށް ޓްރިއަލްގައި އެބޭސް ބޭނުން ކުރި މީހަކު އޭނާގެ ތަޖުރިބާ ކިޔައިދީފިއެވެ.

އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ޕެޓީ ހެރިން ބުނާ ގޮތުގައި ކޮވިޑް-19 ގެ އަލާމާތްތައް އޭނާގެ ގައިން ފެންނަން ފެށީ އޭޕްރީލް މަހުގެ ފަހުކޮޅު އެވެ. ހޮސްޕިޓަލަށް ގެންގޮސް ކޮވިޑް-19 އަށް ޓެސްޓް ކުރިއިރު އޭނާ އަށް ހުރީ ބަލި ޖެހިފައެވެ. އެހައި ހިސާބުން ފަރުވާ ފެށި ނަމަވެސް ހާލަތު ދުވަހަކަށް ވުރެ ދުވަހަކު ދަށްވަމުން ގޮސް އޭޕްރީލް 29 ވަނަ ދުވަހު އޭނާ ކޯމާއަށް ލާން ޖެހުނެވެ. އޭރު ނޭވާ ލާން އުނދަގޫވެ އޮކްސިޖަން ވެސް ގުޅައިފިއެވެ.

"އަހަރެންނަށް ދިނީ ޓްރިއަލްއެއްގައި ދިރާސާ ކުރަމުން ގެންދާ ބޭހެއް. ބޭސް ދިނުމާއި އެކު ކުއްލިއަކަށް އަހަރެންގެ ހާލު ރަނގަޅުވި. އެއީ ކުއްލިއަކަށް އެއްޗެއް ގައިގަ ޖެހިފައި ދިއުން ފަދަ ކަމެއް. ބޭސް ދިނުމާއި އެކު އަހަރެންގެ ހާލަތު ރަނގަޅު ވާން ގިނަ އިރުތަކެއް ނުނެގި." ހެރިން ބުންޏެވެ.

ކޮވިޑް-19 ޖެހިގެން ހެރިންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި ނަމަވެސް ޑެކްސަމެތަސޯން ދިނުމުން އޭނާގެ ހާލަތު ރަނގަޅުވެ މެއި މަހުގެ 06 ވަނަ ދުވަހު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން އާއްމުކުރި ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދޭންޖެހޭ ހާލަތުގައި މަރުވާ ކޮންމެ 8 މީހެއްގެ ތެރެއިން އެކެއްގެ ފުރާނަ މިބޭހުން ސަލާމަތްކޮށްދެއެވެ. އަދި އޮކްސިޖަން ދޭންޖެހޭ މީހުންގެ ތެރެއިން މަރުވާ ކޮންމެ 25 އިން އެކެއްގެ ފުރާނަ ސަލާމަތް ކޮށްދެއެވެ.

ނަމަވެސް ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހާލަތު ގޯސް ނުވާ މީހުންނަށް މި ބޭސް ދިނުމުން ވަކި ތަފާތު ނަތީޖާއެއް ނުނިކުމެއެވެ.

ކިޔުންތެރިންގެ ހިޔާލު