ރިޝްވަތު ދީގެން މިއަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެޤައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރަމުން އަންނަ ކަމަށް ތުހުމަތު ކޮށްފިއެވެ.

މި ތުހުމަތުތައް ޓްރަމްޕަށް ކޮށްފައި ވަނީ އެމެރިކާގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، ޖޯން ބޮލްޓަން އެވެ. އޭނާ ބުނެފައި ވަނީ، ޗައިނާގެ ބައެއް އިސް އޮފިޝަލުންނަށް އަމިއްލަ ގޮތުން އެހީތެރިވާން ހުށަހަޅައި، އެމެރިކާގެ އިންތިޚާބު ކާމިޔާބު ކުރުމަށް އެޤައުމުގެ އެހީތެރިކަމަށް ޓްރަމްޕް އެދިފައިވާ ކަމަށެވެ.

ބޮލްޓަން ވަނީ މިކަމާއި ގުޅޭ ތަފްސީލީ މަޢުލޫމާތު ހިމެނޭ ފޮތެއްވެސް ނެރުމަށް ނިންމާފައެވެ. އެ ފޮތުގައި ޓްރަމްޕް ސީދާ ދައްކާފައި ހުރި ވާހަކަތަކާއި ރިޝްވަތު ހުށަހެޅިކަމުގެ ހެކި ހިމަނާނެ ކަމަށް ބޮލްޓަން ބުނެފައި ވެއެވެ.

"އިން ދަ ރޫމް ވެއަރ އިޓް ހެޕެނެޑް" ގެ ނަމުގައި މިފޮތް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ތެރޭގައެވެ. އެއާއި އެކު އެކަމަށް ހުރަސް އެޅުމަށް ޓްރަމްޕްގެ ބައެއް ގާތް މީހުންނާއި އޭނާ ނުފޫޒު ފޯރުވާ ބައެއް އިސް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނޫސްތަކުގައި ބޮލްޓަން މި ވާހަކަ ހާމަކޮށްފައި ވަނީ މި ސަބަބަށްޓަކައެވެ.

ޓްރަމްޕް ރިޝްވަތު ދީގެން އިންތިޚާބާއި ކުރިމަތިލާން ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރިފައި މިވަނީ، މި އިންތިޚާބު ކައިރިވެފައި ވަނިކޮށް އޭނާއަށް އޮތް ތާއީދު ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފައި ވަނިކޮށެވެ. މިގޮތުން އެމެރިކާގައި މި ދުވަސްވަރު ހިނގަމުންދާ ކަންކަމާއި ގުޅިގެން އަމިއްލަ ޕާޓީގެ ބައެއް އިސް މެމްބަރުން ވެސް އޭނާ އާއި ދެކޮޅަށް ވަނީ ތެދުވެފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ޓްރަމްޕް އާއި އެންމެ ވާދަވެރިކޮށް މި އިންތިޚާބުގައި ވާދަކުރައްވާނީ އެޤައުމުގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވި ޖޯ ބައިޑަން ކަމަށް ބެލެވެއެވެ. ބައިޑަން އަށް ގިނަ ބައެއްގެ ތާޢީދު އޮތްއިރު، އޭނާއަށް ކުރީގެ ބައެއް ރައީސުންވެސް ވަނީ ތާއީދުކުރައްވާފައެވެ.