މިހާރުގެ ހާލަތައް ބަލާއިރު އެމެރިކާ އާއި އަދި ދުނިޔޭގެ އެހެން ގައުމުތައް ވެސް އިތުރު ފުރަބަންދަކަށް ދިއުމުގެ ކުރިން ކޮވިޑް-19 އަށް ވެކްސިނެއް ލިބުމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީސްގެ ޑިރެކްޓަރ އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.

ފައުޗީ އަކީ ކޮވިޑް-19 އާއި ގުޅޭ ގޮތުން އެމެރިކާ ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކަށް ލަފާ އަރުވާ އެންމެ އިސް ސައިންސްވެރިޔާއެވެ. އުމުރުން 79 އަހަރުގެ ފައުޗީ ގެންދަނީ 1984 ވަނަ އަހަރުން ފެށިގެން ނޭޝަނަލް އިންސްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީސްގެ ޑިރެކްޓަރު ކަން ކުރަމުންނެވެ.

"އޭއެފްޕީ" އަށް ދެއްވި އިންޓަވިއުއެއްގައި ފައުޗީ ވިދާޅުވީ މިހާރު ކުރިމަތިވެފައި މިއޮތް ބަލިމަޑުކަމުން އަރައިގަނެވެން އޮތް ގޮތަކީ ވެކްސިނެއް ލިބުން ކަމަށާއި، ބޮޑު ފުރަބަންދަކަށް ދާން ޖެހުމުގެ ކުރިން ވެކްސިން ލިބޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

"އަޅުގަނޑަށް ހީވާ ގޮތުގައި ދެން ބޮޑު ފުރަބަންދަކަށް ދާކަށް ނުޖެހޭނެ. ބޮޑު ފުރަބަންދަކަށް ދިއުމުގެ ކުރިން ވެކްސިނެއް ލިބުމުގެ އުއްމީދު ވަރަށް ބޮޑު." ފައުޗީ ވިދާޅުވިއެވެ.

ފުރަބަންދަކަށް ދާން ޖެހުމުގެ ކުރިން ވެކްސިނެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ފައުޗީ ވިދާޅުވިއިރު އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ސްޓޭޓްތަކުގެ ތެރޭގައި އެންމެ ބޮޑެތި ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ ކެލިފޯނިއާ އާއި ޓެކްސަސް ވެސް ހިމެނެއެވެ.

ފައުޗީ ވިދާޅުވީ ބައެއް ސަރަހައްދުތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް އަދަދުތައް ކޮންޓްރޯލުން ނައްޓާލައިގެން ދިއުމުގެ ކުރިން ފިޔަވަޅުތައް އެޅޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"މިހާރު މިވަނީ އާއްމު ދިރިއުޅުމުގެ ކަންކަން ކުރަން ޖެހިފައި. ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ސުމަކަށް ވެއްޓެންދެން އެއްވެސް މަސައްކަތެއް ނުކޮށް ނުތިބެވޭނެ. މިހާލަތުގައި ޖެހޭނީ ބައެއް ބަދަލުތައް ގެނެސްގެން މަސައްކަތްތައް ކުރަން." ފައުޗީ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އެމެރިކާ އިން ވެސް ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ. އެމެރިކާ އިން އުއްމީދު ކުރަނީ އަންނަ އަހަރު ފެށެން ވާއިރަށް އެމެރިކާގެ ކުންފުނިތަކުގެ ވެކްސިންތައް މީހުންނަށް ދެވޭވަރު ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު