ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ބްރެޒިލް އިން ފައްސިވީ މީހުންގެ އަދަދު މިލިއަނަކަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ބްރެޒިލް އިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 1,009,699 އަށް އަރައެވެ.

ބްރެޒިލް އަކީ ދުނިޔެއިން ކޮވިޑް-19 އަށް މިލިއަނަކަށްވުރެ ގިނަ މީހުން ފައްސިވި ދެވަނަ ޤައުމެވެ. އެޤައުމަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހި، ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމުވެސް މެއެވެ.

ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރާފައި ވާއިރު، މިދިޔަ 24 ގަޑިއިރު ތެރޭ މިހާތަނަށް އެޤައުމުން 26,340 މީހަކު އަލަށް މި ބައްޔަށް ފައްސިވެފައި ވެއެވެ. އަދި 558 މީހަކު މިދިޔަ 24 ގަޑިއިރު ތެރޭ މިހާތަނަށް ބަލީގައި މަރުވެފައި ވެއެވެ. މިއާއެކު އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 48,427 އަށް އަރައެވެ.

ބްރެޒިލް އަކީ މިހާރު ދުނިޔެއިން އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ޤައުމެވެ. ފާއިތުވެދިޔަ ހަފްތާއެއްހައި ދުވަސް ތެރޭ އެޤައުމުން ދެލައްކައަށް ވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އޮފިޝަލުން ބުނާގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އަށް މި ބަލީގެ ނުރައްކާ އަދިވެސް އިތުރުވެގެން ދާނެއެވެ. އެއީ އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ޖުލައި މަހު ކަމަށް ލަފާކުރެވިފައިވާތީއެވެ.

ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 520,360 މީހެކެވެ. އަދި 8,318 މީހަކަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ. އެޤައުމަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އިން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ބްރެޒިލްގައި ކޮވިޑް-19 ގެ ނުރައްކާ އިތުރުވަމުން މި ދަނީ އެޤައުމުގައި މި ބަލި ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް ގިނަ ބަޔަކު އެއްވުންތައް ބާއްވާފައި ވަނިކޮށެވެ. މި އެއްވުންތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އެޤައުމުގެ ރައީސް، ޖައިރު ބޮލްސެނާރޯ އެވެ.

އޭނާ ޤަބޫލުކުރާ ގޮތުން މި ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި ފުރަބަންދު ކޮށްފައި ބޭއްވުމަކީ ބޭނުންތެރި ކަމެއް ނޫނެވެ. އަދި ފުރަބަންދުގެ ސަބަބުން ކޮވިޑް-19 އިން ލިބޭ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ޤައުމަށް ލިބޭނެ ކަމަށް އޭނާ ބުނަމުން ދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް މަލާމާތްކޮށް ބޮލްސެނާރޯ ކުރިން ބުނެފައި ވަނީ ބްރެޒިލް އަކީ ދުނިޔެއިން ހަމައެކަނި "ކޮވިޑް ފްރީ" ޤައުމު ކަމަށެވެ. އެޤައުމުގައި މި ބަލީގެ ނުރައްކާ ނެތް ކަމަށް ބުނެ ކުރިން އޭނާ ވަނީ، ނަޖިސްފެން ދައުރުވާ ޖަންޝަންތަކަށް ފޭބިޔަސް އެޤައުމުން މި ބަލި ނުޖެހޭނެ ކަމަށް ބުނެފައެވެ.

ބޮލްސެނާރޯގެ މި ވާހަކަތަކާއި ގުޅިގެން ބްރެޒިލްގެ ރައްޔިތުންވެސް ކަންބޮޑުވެފައި ވަނިކޮށް އޭގެ ފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް ބްރެޒިލްގައި ވަނީ ކުރިން ބަލި ނުފެތުރޭހައި ހަލުވިމިނުގައި މި ބަލި ފެތުރެން ފަށައި، ބަލީގެ ނުރައްކާ އެންމެ ބޮޑު ޤައުމަށް ވެގެން ގޮސްފައެވެ. އެއާއެކު ބޮލްސެނާރޯގެ އަޑު މިހާރު ވަނީ ކެނޑިފައެވެ.