ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ބްރެޒިލް އިން އިތުރު ބައިލައްކައަށްވުރެ ގިނަ މީހުން ފައްސިވެއްޖެ އެވެ.

ބްރެޒިލްގެ އިދާރާތަކާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އިއްޔެ އެޤައުމުން އިތުރު 54771 މީހަކު ވަކީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގައި އެޤައުމުން އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ.

އަދި މިއީ މިހާތަނަށް މުޅި ދުނިޔެއިން ވެސް ޤައުމަކުން އެއް ދުވަސްތެރޭ އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ފަހަރެވެ.

އިދާރާތަކުން ހާމަކޮށްފައިވާ ގޮތުން ބްރެޒިލް އިން މިހާރު ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 1,032,913 އަށް އަރާފައެވެ. އެޤައުމަކީ މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އެރި ދެވަނަ ޤައުމެވެ.

ބްރެޒިލް އިން އިއްޔެ ގިނަ ބަޔަކު ފައްސިވެފައި ވާއިރު، އެޤައުމުން އިއްޔެ 1206 މީހަކު މަރުވެފައި ވެއެވެ. މިއާއެކު މި ބަލީގައި ބްރެޒިލް އިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 48,954 އަށް އަރާފައެވެ.

މިވަގުތު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ދެވަނައަށް މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ ވެސް ބްރެޒިލް އިންނެވެ. އަދި އެހެން ޤައުމުތަކުގައި ބަލި ފެތުރެމުންދާ މިންވަރާއި އަޅާ ބަލާއިރު، އެންމެ ހަލުވިކަމާއެކު މިހާރު ކޮވިޑް-19 ފެތުރެނީވެސް ބްރެޒިލް ގައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 520,360 މީހެކެވެ. އަދި 8,318 މީހަކަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

އެންމެ ފުރަތަމަ ބްރެޒިލް އިން ކޮވިޑް-19 ފެނިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެޤައުމަށް ބަލީގެ ނުރައްކާ ބޮޑުވެގެން ދިޔައީ މިދިޔަ މޭއި މަހުން ފަށައިގެންނެވެ.