އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިން ޓީމުގެ މެމްބަރުންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އިއްޔެ އެމެރިކާގެ އޮކަހާމާ ސްޓޭޓުގެ ޓަލްސާގައި ކުރިޔަށްގެންދިޔަ ކެމްޕެއިން ހަރަކާތުގައި އިސްކޮށް އުޅުނު 6 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މި މީހުން ފައްސިވެފައި ވަނީ ކެމްޕެއިން ހަރަކާތް ކުރިޔަށްގެންދިއުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޓެސްޓު ކުރުމުގެ ތެރެއިންނެވެ.

މި ހަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާކަން ޓްރަމްޕްގެ ކެމްޕެއިން ކޮމިއުނިކޭޝަންސް ޑިރެކްޓަރ، ޓިމް މާޓާފް ވަނީ ނޫސްތަކަށް ކަށަވަރު ކޮށްދީފައެވެ. އޭނާ ނެރުނު ބަޔާނެއްގައި މިކަން ހާމަކޮށް ބުނެފައި ވަނީ، ޓީމުގެ 6 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ ޓްރަމްޕް މި ހަރަކާތުގައި ބައިވެރިވުމުގެ އިރުކޮޅެއް ކުރިން ކަމަށެވެ.

މިކަމާއި ގުޅިގެން މި ހަ މީހުން ވަނީ، ކޮވިޑް-19 ގެ އުސޫލާއި އެއްގޮތަށް ވަގުތުން އެކަހެރިކޮށްފައެވެ. އަދި އެމީހުންނާއި ބައްދަލުވި މީހުން ހޯދައި ކަރަންޓީނަށް ވެސް ފޮނުވާފައި ވެއެވެ.

އިއްޔެ ޓަލްސާގައި ކުރިޔަށްގެންދިޔަ މި ކެމްޕެއިން ހަރަކާތަކީ ކޮވިޑް-19 ފެތުރެން ފެށިފަހުން އެމެރިކާގައި ބޭއްވި މިފަދަ ފުރަތަމަ ހަރަކާތެވެ. ނަމަވެސް މިފަދަ ހަރަކާތްތަކުގެ ސަބަބުން، މިހާރުވެސް އެންމެ ނުރައްކާ ބޮޑުވެފައިވާ އެމެރިކާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން ޓްރަމްޕްގެ ކެމްޕެއިން ހަރަކާތަށް ގިނަ ބައެއްގެ ނުރުހުންވުމާއި ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި ޓްރަމްޕް އަންނަނީ އޭނާއަށް އޮތް ތާއީދު އިތުރު ކުރުމަށް ގިނަ މަސައްކަތްކޮށް، އޭނާއަށް ތާއީދު އޮތްކަން ހާމަކުރުމަށް މަސައްކަތް ކުރަމުންނެވެ.

އިއްޔެ ކެމްޕެއިން ޓީމުގެ 6 މެމްބަރަކު ކޮވިޑް-19 އަށް ފައްސިވެގެން އެ ޚަބަރު ފެތުރިގެން ދިއުމާއި ގުޅިގެން ވެސް ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރިކަމަށް ބައެއް ނޫންތަކުން ބުނެފައި ވެއެވެ. އެއީ އޭނާގެ ކެމްޕެއިން ހަރަކާތަށްވުރެ ބޮޑަށް، ފައްސިވީ މީހުންނާއި ބެހޭ ޚަބަރުތައް މީޑިއާތަކުން ރިޕޯޓް ކުރަމުން ދިއުމުންނެވެ.

އެމެރިކާގައި މި ދުވަސްވަރު ހިނގަމުންދާ ކަންކަމާއި ގުޅިގެން އަމިއްލަ ޕާޓީގެ ބައެއް އިސް މެމްބަރުން ވެސް ހިމެނޭހެން ޓްރަމްޕް އަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ޓްރަމްޕް އާއި އެންމެ ވާދަވެރިކޮށް މި އިންތިޚާބުގައި ވާދަކުރައްވާނީ އެޤައުމުގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވި ޖޯ ބައިޑަން ކަމަށް ބެލެވެއެވެ. ބައިޑަން އަށް ގިނަ ބައެއްގެ ތާޢީދު އޮތްއިރު، އޭނާއަށް ކުރީގެ ބައެއް ރައީސުންވެސް ވަނީ ތާއީދުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު