ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 426 މީހަކު މަރުވެއްޖެ އެވެ. މިއީ މިހާތަނަށް އެޤައުމުން މިބަލީގައި އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގައި އިތުރު ގިނަ ބަޔަކު މަރުވުމާއި ގުޅިގެން އެޤައުމުން މި ބަލިޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13,703 އަށް އަރާފައެވެ.

އިންޑިއާއިން އިއްޔެ އެކަނިވެސް 15,183 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއާއެކު އެޤައުމުން މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 426,910 އަށް އަރާފައެވެ. އިއްޔެ އަކީ އިންޑިއާއިން މިހާތަނަށް އެއްދުވަހެއްގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ދުވަސްވެސް މެއެވެ.

އިންޑިއާއަށް ދުވަހެއް ދުވަހަކަށް ކޮވިޑް-19 ގެ ނުރައްކާ އަންނަނީ ބޮޑުވަމުންނެވެ. މިގޮތުން އެޤައުމުން ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

އިންޑިއާއަކީ މިހާރު ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ދުނިޔެއިން ތިންވަނައަށް އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުންދާ ޤައުމެވެ. އެޤައުމަކީ މި ބަލީގައި ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 237,252 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު އެޤައުމުގައި ފަރުވާދޭ މީހުންގެ ތެރެއިން 8944 މީހެއްގެ ހާލު ސީރިއަސްއެވެ. އެމެރިކާ ފިޔަވައި ދުނިޔެއިން އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމަކީ އިންޑިއާއެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު