މިއަހަރު ކުރީކޮޅުން ފެށިގެން މުޅި ދުނިޔެއަށް ނުރައްކާ ކުރަމުންދާ ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 423 މީހަކު މަރުވެއްޖެ އެވެ. މިއީ މިހާތަނަށް އެޤައުމުން އެއް ދުވަހެއްގައި މި ބަލީގައި ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއެކު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14,906 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 16,832 މީހަކަށް އަލަށް މި ބަލި ޖެހިފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

ދުވަހެއް ދުވަހަކަށް ކޮވިޑް-19 ނުރައްކާ އިންޑިއާގައި ބޮޑުވަމުން އަންނައިރު އެޤައުމަކީ މިހާރު މުޅި ދުނިޔެއިން ވެސް އެންމެ ހަލުވިކަމާއެކު މި ބަލި ފެތުރޭ އެއް ޤައުމެވެ. މިގޮތުން ފަހުގެ މަޢުލޫމާތުތަކުން ހާމަވާ ގޮތުން އެޤައުމަކީ މިވަގުތު މުޅި ދުނިޔެއިން ތިންވަނައަށް ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެ، ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތް ނާކާމިޔާބުވެފައި ވާއިރު އެޤައުމަކީ މިހާރު ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެ، އަށްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ. މިއާއެކު އެޤައުމު ވެފައި ވަނީ ދެކުނު އޭޝިއާ ސަރަޙައްދުން ބަލީގެ ނުރައްކާ އެންމެ ބޮޑު ޤައުމަށެވެ.

މިހާތަނަށް އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 271,432 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު އެޤައުމުގައި ފަރުވާދޭ މީހުންގެ ތެރެއިން 8944 މީހެއްގެ ހާލު ސީރިއަސްއެވެ. އެމެރިކާ ފިޔަވައި ދުނިޔެއިން އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމަކީ އިންޑިއާއެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް ބަލީގެ ނުރައްކާ އިތުރުވާން ފެށީ މިދިޔަ މޭއި މަހުން ފެށިގެންނެވެ. އޭގެފަހުން އެޤައުމުން ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު