މިއަހަރު ކުރީކޮޅުން ފެށިގެން މުޅި ދުނިޔެއަށް ނުރައްކާ ކުރަމުންދާ ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 401 މީހަކު މަރުވެއްޖެ އެވެ. މިއީ މިހާތަނަށް އެޤައުމުން އެއް ދުވަހެއްގައި މި ބަލީގައި ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއެކު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15,308 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 18,183 މީހަކަށް އަލަށް މި ބަލި ޖެހިފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ. މިއާއެކު މިހާތަނަށް އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު މިހާރު ވަނީ 491,168 އަށް އަރާފައެވެ.

ދުވަހެއް ދުވަހަކަށް ކޮވިޑް-19 ނުރައްކާ އިންޑިއާގައި ބޮޑުވަމުން އަންނައިރު އިންޑިއާއަކީ މިހާރު މުޅި ދުނިޔެއިން ވެސް އެންމެ ހަލުވިކަމާއެކު މި ބަލި ފެތުރޭ އެއް ޤައުމެވެ. މިގޮތުން ފަހުގެ މަޢުލޫމާތުތަކުން ހާމަވާ ގޮތުން އެޤައުމަކީ މިވަގުތު މުޅި ދުނިޔެއިން ތިންވަނައަށް ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެ، ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތް ނާކާމިޔާބުވެފައި ވާއިރު އެޤައުމަކީ މިހާރު ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެ، އަށްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ. މިއާއެކު އެޤައުމު ވެފައި ވަނީ ދެކުނު އޭޝިއާ ސަރަޙައްދުން ބަލީގެ ނުރައްކާ އެންމެ ބޮޑު ޤައުމަށެވެ.

މިހާތަނަށް އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 285,664 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު އެޤައުމުގައި ފަރުވާދޭ މީހުންގެ ތެރެއިން 8944 މީހެއްގެ ހާލު ސީރިއަސްއެވެ. އެމެރިކާ ފިޔަވައި ދުނިޔެއިން އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމަކީ އިންޑިއާއެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް ބަލީގެ ނުރައްކާ އިތުރުވާން ފެށީ މިދިޔަ މޭއި މަހުން ފެށިގެންނެވެ. އޭގެފަހުން އެޤައުމުން ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.