ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ބްރެޒިލް އިން ފައްސިވީ މީހުންގެ ޖުމްލަ އަދަދު 1.2 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބްރެޒިލް އިން އިއްޔެ އެކަނިވެސް 40000 އަށްވުރެ ގިނަ މީހުންނަށް އަލަށް މި ބަލި ޖެހިފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން ދެވަނައަށް އެންމެ ގިނަ ބަޔަކަށް އެއް ދުވަސް ތެރޭ މި ބަލި ޖެހިގެން ރެކޯޑް ކުރެވުނު ފަހަރެވެ.

މިއާއެކު ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,207,721 އަށް އަރާފައެވެ. އެމެރިކާއަށް ފަހު ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ބްރެޒިލް އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވެފައިވާ ޤައުމުވެސް މެއެވެ.

ފަހުގެ މަޢުލުމާތުތަކަށް ބަލާއިރު، ބްރެޒިލް އިން އިއްޔެ އެކަނިވެސް އިތުރު 1100 މީހަކު ހިމެނޭހެން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު 54000 އަށް އަރައެވެ. އެޤައުމަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލީގައި ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން އެޤައުމުން މަރުވާ މީހުންގެ އަދަދު ކުރިޔަށް އޮތްތަނުގައި ވެސް ވަރަށް ބޮޑަށް އިތުރުވެދާނެ ކަމަށް ބެލެވިފައި ވެއެވެ.

އިދާރާތަކުން ހާމަކޮށްފައިވާ ގޮތުން ބްރެޒިލް ގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 649,908 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ. އެހެންކަމުން މިހާރު އެޤައުމުގައި ފަރުވާދެމުން ދަނީ 503,379 މީހަކަށެވެ. މީގެ ތެރެއިން 8313 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

އޮފިޝަލުން ބުނާގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އަށް މި ބަލީގެ ނުރައްކާ އަދިވެސް އިތުރުވެގެން ދާނެއެވެ. އެއީ އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ޖުލައި މަހު ކަމަށް ލަފާކުރެވިފައިވާތީއެވެ.

ބްރެޒިލް ހިމެނޭހެން ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 9.6 މިލިއަނަށް އަރާފައިވާއިރު، އޭގެތެރެއިން 489000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.